ރައީސް ސޯލިހު ޝަހީދު ހުސައިން އާދަމްގެ ބައްޕައަށް ފޯނުން ގުޅުއްވައިފި

ޝަހީދު ހުސައިން އާދަމްގެ ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ފޯނުން ގުޅުއްވައިފި އެވެ. ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު ވަނީ ނ...

03 Nov 2020 | 18:34

ޝަހީދު ހުސައިން އާދަމްގެ ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ފޯނުން ގުޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު ވަނީ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ހުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރުއަދާކުރައްވާފައި ކަމަށެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި ޝަހީދު ހުސައިން އާދަމް އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީހުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫންކަން ފާހަގަކުރެއްވި އެވެ.

ޝަހީދު ޙުސައިން އާދަމަށްޓަކައި މުޅި ދިވެހި ގައުމު ފަހުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާއި ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ފުރާނަ ގުރުބާން ކުރައްވައި، އެކުރެއްވީ މަތިވެރި ޖިހާދެއްކަމަށްވެސް ވިދާޅުވި އެވެ.

ނޮވެމްބަރު ތިނެއްގައި ބާޢީންގެ ހަމަލާތައް ސިފައިންގެ މައި މަރުކަޒަށް އަމާޒު ކުރަން ފެށި އިރު ޝަހީދު ހުސައިން އާދަމް ހުންނެވީ ގޭޓުގައި ސެކިއުރިޓީ ޑިއުޓީގައި އެވެ. އޭނާ މަރުވެފައިވަނީ ބާޢީންނާއި ދެމެދު ހަމަލާތައް ބަދަލު ކުރަނިކޮށް ބޭނުން ކުރަމުން ދިޔަ ބަޑީގެ ވަޒަން ހުސްވެފައި ވަނިކޮށް ބާޢީން ދިން ބަޑީގެ ހަމަލާތަކުގައި އެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ދިވެހިންގެ 19 މީހަކު ޝަހީދުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް