އިދިކޮޅުގެ "ބަޑި ބުރާސްފަތި" ޖަލްސާއިން ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި "ބަޑި ބުރާސްފަތި" ޖަލްސާގެ ތެެރެއިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި...

03 Nov 2020 | 18:13

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި "ބަޑި ބުރާސްފަތި" ޖަލްސާގެ ތެެރެއިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ގިނަ ބަޔަކު ބައިވެރި މި ޖަލްސާގައި އިޖްތިމާއީ ގައިދުރުކަން ނެތް ނަމަވެސް ހުރިހާ އެންމެން ތިބީ މާސްކު އަޅައިގެންނެވެ. މި ޖަލްސާ ބާއްވާފައިވަނީ އޮންލައިންކޮށް ޖަލްސާ ބޭއްވުމަށް އެޗްޕީއޭއިން އަންގާފައިވަނިކޮށް ޕީޕީއެމް އޮފީސް ސަރަހައްދުގައި އެވެ.

ޖަލްސާގެ ތެރެއިން ޝުޖާއު ވާހަކަދައްކަވަނިކޮށް އެޗްޕީއޭގެ ގަވައިދާއި އެއްގޮތަށް ޖަލްސާ ކުރިޔަށް ގެންދިއުމަށް ދެ ފަހަރެއްގެ މަތިން ޝުޖާއު ކައިރިއަށް ގޮސް ފުލުހުން ނަސޭހަތް ދީފައިވެ އެވެ. މި ނަސޭހަތާއި ގުޅިގެން ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވީ ގިނަ ބަޔަކު އެއްތަނެއްގައި ތިބުމުން ގައިދުރު ކަމެއް ނުބެހެއްޓި ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއީ ގަސްތުގައި ކުރާ ކަމެއް ނޫން ކަމަށެވެ.

ފަހުން ފުލުހުން ވަނީ ޝުޖާއު އެ ސަރަހައްދުން ގެންގޮސްފައި އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާއިން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވަނިކޮށް އެއްވުން ކުރިޔަށް ގެންދާތީ ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ނުކުރާ ކަމަށެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގައި ވާގޮތުން މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި ގިނަ ވެގެން އެއްކޮށް އުޅެވޭނީ ފަސް މީހުންނަށެވެ. އަދި ގިނަ މީހުން ބައިވެރިވެގެން ހަރަކާތެއް ބާއްވާނަމަ ބައިވެރިވެވޭނީ ގިނަވެގެން 30 މީހުންނަށެވެ. މީގެ އިތުރުން ޖަލްސާއެއް 30 މިނެޓަށްވުރެ ދިގުވެގެން ނުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް