ދ. ކަނޑިންމަ ރިސޯޓުން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު 46 އަށް އަރައިފި އެވެ.
ކަނޑިންމަ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރައި ފޭބުން މަނާ ކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
އެޗްއީއޯސީން ބުނީ މިއަދު ހެދި ޓެސްޓުތަކުން އެ ރިސޯޓުން ނެގި27 ސާމްޕަލެއް ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނެގި ސާމްޕަލް ތަކާއި އެކު މިއަދުގެ ނިޔަލަށް އެ ރިސޯޓުން ޕޮސިޓިވްވި މީހުންގެ އަދަދު46 އަށް އަރާފައިވާ ކަމަށެވެ.
މިހާތަނަށް އެ ރަށުން176 ސާމްޕަލެއް ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން126 ސާމްޕަލެއް ނެގެޓިވްވެފައިވާއިރު ނަތީޖާ ނުނުކުންނަ ހަތަރު ސާމްޕަލެއް ހިމެނެ އެވެ.
އެ ރިސޯޓުގައި ޓޫރިސްޓުން އެބަތިއްބެވެ. އެޗްއީއޯސީން ބުނީ ޓޫރިސްޓުންނަށް ރިސޯޓުން ފުރޭނީ ޕޮސިޓިވް މީހެއްގެ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރު ޓެސްޓު ހަދައި ނެގެޓިވް ވެއްޖެ ނަމަ ކަމަށެވެ.
ކަނޑިންމަ ރިސޯޓުން ގިނަ ބަޔަކު ޕޮސިޓިވްވަމުން ދާއިރު އެ ރަށޫން ރެންޑަމް ސާމްޕަލް ނަގައި ކޯވިޑަށް ޓެސްޓު ކުރަން ނިންމީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ 60 އަހަރުގެ ދިވެހި ފިރިހެނަކު ކޯވިޑް ޖެހިގެން މަރުވުމުންނެވެ. އެމީހާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދ. އަތޮޅު ހޮސްޕިޓަލަށް ގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް