ރޫޓުގެ ފައިސާ ފޭރެން އުޅުނު މައްސަލައިގަ އިތުރު ބަޔަކު ހައްޔަރުކޮށްފި

"ރޫޓް" ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ ފައިސާތައް ފޭރެން އުޅުނު މައްސަލައިގަ އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލައިގަ މީގެ ކުރިން ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އ...

03 Nov 2020 | 14:10

"ރޫޓް" ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ ފައިސާތައް ފޭރެން އުޅުނު މައްސަލައިގަ އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގަ މީގެ ކުރިން ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އެ މައްސަލައިގަ އިތުރު ތިން މީހަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރާއި 21 އަހަރާއި 30 އަހަރުގެ ދިވެހި ތިން ފިރިހެނުންނެވެ.

ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައި އެވެ.

މި މައްސަލައިގަ މީގެ ކުރިން ހައްޔަރުކޮށްފައިވަނީ ވ. ޕިންކްވިލާ، އުމުރުން 30 އަހަރުގެ އަހުމަދު އަމީރު، ގއ. ވިލިނގިލި، ކަނީރުމާގެ، އުމުރުން 23 އަހަރުގެ މުހައްމަދު މުސްއަބު ޒުބައިރު، ދަފްތަރު ނަންބަރު 3678، އުމުރުން 22 އަހަރުގެ ހުސައިން އަބްދުލް މަޖީދު،ގެ އިތުރުން ލ. ގަން، ތުނޑި. ކީމިޔާގެ، އުމުރުން 27 އަހަރުގެ އަބުދުﷲ ރާޝިދު އެވެ.

އެ ދުވަހު ފޭރެން މަސައްކަތް ކުރި ގޮތް ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަނީ ދެ ސައިކަލެއްގައި ދިޔަ ހެލްމެޓު އަޅައިގެން ތިބި ހަތަރު މީހެކެވެ. އެމީހުން ދަރުތުކޮށްފައިވަނީ ރޫޓް ކުންފުނީގެ ވޭނުގެ ފަހަތުންނެވެ. ބެލެވޭ ގޮތުގައި މިއަދު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނި ތިން މީހުންނަކީ އެ ފުޓޭޖަށް ނާރާ ހިސާބއެއްގައި ތިބި ބައެކެވެ.

ވޭން ސިލޯން ބޭންކަށް މަޑު ކުރިތަނާހެން ހެލްމެޓު އަޅައިގެން ތިބި މީހުން ވަނީ ވޭން ކައިރިއަށް ގޮސް ފައިސާ ފޭރިގަންނަން މަސައްކަތް ކޮށްފަ އެވެ. ފޭރަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުމުން ވެސް ނާކާމިޔާބު ވެފަ އެވެ.

ފޭރެން އައި މީހުންގެ ތެރެއިން އެކަކު ފައިސާ އަޅާފައި ހުރި ދަބަސް ޖަހައިގަނެގެން ފިލަން މަސައްކަތް ކޮށްފަ ވެއެވެ. ނަމަވެސް ބޭންކު ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާވަނީ އެ ދަބަސް އަނބުރާ އޭނާގެ އަތުން ހޯދުމަށްފަހު ރޫޓް ކުންފުނީގެ މުވައްޒަފަކާއި ހަވާލުކޮށްފަ އެވެ. އެ ފޭރުން ހުއްޓުވުމަށް ފައިސާ ހިފައިން ދިޔަ ރޫޓް ކުންފުންނީގެ މުވައްޒަފުންވެސް މަސައްކަތް ކުރާތަން ފެނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރެން އުޅުނު ފައިސާގެ އަދަދު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުއްޓެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް