އޮސްޓްރިއާ އަދި އަފްޣާނިސްތާނުގައި ދިން ޙަމަލާތައް މިނިސްޓަރ ޝާހިދު ކުށްވެރިކުރައްވައިފި

އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ އެކި ސަރަހައްދުތަކުގައި ރޭ ދިން ބަޑީގެ ހަމަލާތައް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ. މި ޙަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށ...

03 Nov 2020 | 13:03

އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ އެކި ސަރަހައްދުތަކުގައި ރޭ ދިން ބަޑީގެ ހަމަލާތައް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ.

މި ޙަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އޮސްޓްރިއާ އާއެކު ކަމަށް، މިނިސްޓަރ ޝާހިދު ވަނީ އޮސްޓްރިއާގެ ޚާރިޖީ ވަޒީރު އެލެގްޒެންޑަރ ޝެލެންބަރގްއަށް ދަންނަވާފައެވެ. އަދި ދިވެހިރާއްޖެއިން ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކާބުލް ޔުނިވަރސިޓީއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާ ދީ، އެތައް ބަޔަކު މަރާލި ހާދިސާ ކުށްވެރިކުރައްވައި، އަފްޣާނިސްތާނުގެ ވަގުތީ ޚާރިޖީ ވަޒީރު މުހައްމަދު ހަނީފު އަތުމާރް އަށް މިނިސްޓަރ ޝާހިދު ވަނީ މެސެޖެއް ފޮނުއްވާފައެވެ. މި މެސެޖްގައި، ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެން، ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ރާއްޖެއިން ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނުގައި އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، އަފްޣާނިސްތާން ސަރުކާރާއެކު އޮތްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އޮސްޓްރިއާގައި ދިން ހަމަލާތަކުގައި 4 މީހަކު މަރުވެ، 17 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އަފްޣާނިސްތާނުގައި ދިން ޙަމަލާގައި 19 މީހުން މަރުވެފައިވެއެވެ. މިއީ އަފްޣާނިސްތާނުގައި ތައުލީމީ މަރުޒަކަށް 1 ހަފްތާ ތެރޭ ދިން މިފަދަ ދެވަނަ ޙަމަލާއެވެ. މީގެ ކުރިން ދިން ޙަމަލާއާއި ގުޅިގެންވެސް މިނިސްޓަރ ޝާހިދު ވަނީ ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް