ފާހާނާ ތެރޭގައި ފެންވަރަން ހުރި މީހެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ނެގި މައްސަލައެއްގައި އެ ފޮޓޯ އާއި ވީޑިއޯ ހުރި މޯބައިލް ފޯނާއި ފޯނުގެ ޕިން ނަމްބަރާއި ލޮކް ކޯޑް ފުލުހުންނަށް ދޭން ކުރި އަމުރެއް ހައިކޯޓުން ދަމަހައްޓައިފި އެވެ.
ކްރިމިނަލް ކޯޓުން އެހުކުމް ކުރީ އދ. މާމިގިލި ނެދުންގެ އަހުމަދު ޝާނިޒުގެ މައްޗަށެވެ. ޝާނިޒު ވަނީ އޭނާގެ ފޯނުން ގޭގައި ފާހާނާއެއްގައި ފެންވަރަން މީހަކު ހުއްޓައި އެގޭ މީހެއްގެ އޮފިޔާން މަންޒަރުތަކެއް ނެގި ކަމަށް ބުނާ މައްސަލާގައި ފުލުހުންނަށް ޝާނިޒްގެ ފޯނާއި ފޯނުގެ ލޮކް ކޯޑު ދިނުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޝާނިޒްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ.
ހައި ކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ޝާނިޒް ހުށަހެޅި ތިން ނުކުތާއެއް ފާހަގަ ކުރުމަށްފަހު އެވެ. އެގޮތުން ތުހުމަތު ކުރާ ފަރާތުން ހުށަހެޅި މައްސަލާގައި ހިފަހައްޓަން ފުލުހުން އެދިފައިވާ ފޯނަކީ ތުހުމަތު ރައްދުވާ ފަރާތަށް މާ ފަހުން ލިބިފައިވާ ފޯނެއް ކަމާއި ފޯނުގެ ވެރި ފަރާތް ކަށަވަރު ފުލުހުން ނުކުރާކަން ޝާނީޒު ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، ޝާނިޒު ފާހަގަކޮށްފައިވާ ނުކުތާއަށް ބަލައި ކްރިމިނަލް ކޯޓުގެ އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މި އަޑު އެހުމުގެ ރިޔާސަތު ބެލެހެއްޓީ ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ، ފަނޑިޔާރު މުހައްމަދު ނިޔާޒްއާއި ފަނޑިޔާރު ހުސައިން މަޒީދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް