ވަޒީފައިން ވަކިކުރުމުން ބަދަލު ނަގައިދޭ މިންވަރު އެއް އަހަރަށް ލިމިޓު ނުކުރެވޭނެ: ސުޕްރީމް ކޯޓް

އަދާކުރަމުންދާ ވަޒީފާއިން ގާނޫނަށް ހިލާފަށް ވަކިކުރާ މައްސަލަތަކުގައި ބަދަލު ނަގައިދޭ މިންވަރު އެއް އަހަރަަށް ލިމިޓް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކު...

03 Nov 2020 | 09:04

އަދާކުރަމުންދާ ވަޒީފާއިން ގާނޫނަށް ހިލާފަށް ވަކިކުރާ މައްސަލަތަކުގައި ބަދަލު ނަގައިދޭ މިންވަރު އެއް އަހަރަަށް ލިމިޓް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ ރާއްޖޭގެ ގާނޫނުގައި، އަދާކުރަމުންދާ ވަޒީފާއިން ގާނޫނާ ހިލާފަށް ވަކިކޮށްފިނަމަ ބަދަލު ނަގައިދޭނެ މިންވަރެއް ބަޔާންކޮށްފައި ނެތުމުންނެވެ. ނަމަވެސް މީގެ ކުރިން ހައި ކޯޓުން ނިންމި ބައެއް މައްސަލަތަކުގައި ބަދަލު ނަގައިދިނުމުގައި ބަލާނީ އެއް އަހަރަށް ކަމަށް ހުކުމްކޮށްފައި އެބަހުއްޓެވެ.

އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އެމްއެންޑީއެފް ސާޖެންޓް ފަސްޓް ކްލާސް އަލީ ވަހީދު ވަޒީފައިން ވަކިކުރި މައްސަލާގައި ކުރި ހުކުމުގައިވަނީ އެފަދަ މައްސަލަތަކުގައި ބަދަލު ދެވޭނީ އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތައް ކަމަށް ދައުލަތުން ބުނެފައި ވިޔަސް، ވަޒީފާއާ ބެހޭ ގާނޫނުގައި އެކަމަށް ލިިމިޓެއް ކަނޑައެޅިފައިނުވާ ކަމަށެވެ. އަދި ދައުލަތުން އެގޮތަށް އެދެނީ ދައުލަތުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށާއި އެހެންވެ، ގާނޫނުގައި ނެތީސް ބަދަލުގެ މިންވަރު އެއް އަހަރަށް ލިމިޓް ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައި އިތުރަށް ވަނީ، ބޭރު ގައުމުތަކުގައި ބަދަލުގެ މިންވަރު އެއް އަހަރަށް ލިމިޓު ކުރަނީ ގާނޫނުތަކުގައި އެގޮތަށް ލިޔެގެން ކަމަށެވެ. އެގޮތަށް ގާނޫނު ފަރުމާކޮށްފައިވާ ބައެއް ގައުމުތަކަކީ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ދެކުނު އެފްރިކާގެ ބައެއް ގައުމުތަކުގަ އެވެ. އެ ގައުމުތަށް މިސާލެއްގެ ގޮތުގައި ފާހަގަ ކުރައްވާ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފަ ވަނީ، ރާއްޖޭގައި އެފަދަ އުސޫލުތަކެއް ގާނޫނުގައި ނެތަސް، ބަދަލު ދިނުމުގައި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް އެއްކޮށް ނަގައި ދިނުން ލާޒިމްނުވާ ކަމަށް ކުރިން ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ބަދަލު ނަގާއިރު އެ ބަދަލު ލިބިދޭ ފަރާތަށް ނުހައްގު މުއްސަނދި ކަމެއް ލިބޭ ގޮތަށް ބަދަލު ނަގައިދީގެން ނުވާނެ ކަމަށް ހުކުމުގައިވާއިރު އިތުރަށް ހުކުމުގައި ވަނީ، ބަދަލު ލިބިދޭ ފަރާތަކީ އެހެން ވަޒީފާއަކުން އާމުދަނީއެއް ލިބިދޭ ފަރާތެއްނަމަ އެކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ.

ސިފައިންގެ ވަޒީފާއިން ވަކިކުރު އަލީ ވާހިދުއަށް އޭނަ ވަޒީފާއިން ވަކިކުރި އިރު ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި އަލީ ވަހީދަށް އަދުލުވެރި ބަދަލެއް ހައްގުވާ ކަމަށާއި އެކަމަކު ބަދަލު ހޯދަން އޭނާގެ ފަރާތުން ކޯޓަކަށް ހުށަހަޅައިފި ނަމަ އެއާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަށް ހުކުމުގައިވެ އެވެ.

މި ހުކުމް ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުުންގެ އިއްތިފާގުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް