ދޫނިދޫ ފެނުގެ މައްސަލައިގަ އެޗްއާރުސީއެމުން ނެރުނު ބަޔާނުން ހަގީގަތް އޮޅޭ: ފުލުހުން

ދޫނިދޫ ބަންދުގައި ތިބޭ މީހުން ބޯން ދޫކޮށްފައިވާ ފެނާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނެރުނު ބަޔާނުން ރައްޔިތުންނަށް ހަގީގަތް އޮޅޭކަމަށް ފުލުހުން ބުނެފި އެވެ. އިއްޔެ އެޗްއ...

03 Nov 2020 | 09:03

ދޫނިދޫ ބަންދުގައި ތިބޭ މީހުން ބޯން ދޫކޮށްފައިވާ ފެނާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނެރުނު ބަޔާނުން ރައްޔިތުންނަށް ހަގީގަތް އޮޅޭކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި ތިބި މީހުންނަށް ބޯން ދޫކުރަނީ ރައްކާތެރި ފެނެއް ނޫންކަމަށް ތަހުގީލުތަކުން ދައްކާފައިވާ ކަމަށެވެ. އެ ފެނުގައި ބެކްޓީރިއާ ހުރިކަމަށާއި އެއީ ބޯން ރައްކާތެރި ފެނެއް ނޫންކަމަށް ޑަބްލިއުއެޗްއޯއާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީންވެސް ލަފާދީފައިވާ ކަމަށް ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދޫނިދޫއަށް ބޯފެން ފޯރުކޮށްދިނުމަށް އެ ރަށުގައި ފެން ޕްލާންޓެއް ބޭނުން ކުރާކަމަށެވެ. އަދި އެ ފެނަކީ ބަންދުގައި ތިބޭ މީހުންނާއި ފުލުހުންގެ އިތުރުން އެނޫން ބޭނުންތަކުގައި ދޫނިދޫއަށް ދާ މީހުން ބޯން ބޭނުންކުރާ ފެން ކަމަށް ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އެޗްއާރުސީއެމުން އެ ފެން ބަދަލުކުރުމަށް ފުލުހުންގެ އިދާރާއަށް އެންގީ މިދިޔަ މަހުގެ27 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހުން ފެށިގެން އެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށް ބުނެ އެވެ.

އެގޮތުން ދޫނިދޫގައި ފެން ދޫކުރާ ބައެއް ފެންހޮޅިތައް ބަދަލު ކުރުމާއި ފެން ސާފު ކުރުމަށް ބޭނުން ކުރާ ކްލޮރިނޭޝަން ސިސްޓަމާއި އަލްޓްރާ ވައިލެޓް ފިލްޓަރޭޝަން ސިސްޓަމް ގާއިމް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސަރުކާރު ބަންދު ދުވަސްތަކެއް މި ދޭތެރޭގައި އައުމާއި އެފަދަ ތަކެތި ގަތުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހުމުން އެ މަސައްކަތްތައް އެޗްއާރުސީމުގެ އެންގުމާއި އެއްގޮތަށް ކުރިޔަށް ނުދަނީ ކަމަށެވެ. ފުލުހުން ބުނީ މަސައްކަތް ކުރިޔަށް ގެންދިއުމުގައި މައްސަލަތަކެއް ކުރިމަތިވެފައި ވަނިކޮށް އެޗްއާރުސީއެމްގެ އެންގުމަށް ފުލުހުން އަމަލު ނުކުރާ ކަމަށް ބުނެ ބަޔާނެއް ނެރުމަކީ ރައްޔިތުންނަށް ހަގީގަތް އޮޅޭނެ ކަމެއް ކަމަށެވެ.

އިތުރަށް ބުނެފައިވަނީ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން ވަގުތީ ގޮތުން ދޫނިދޫގެ މައްސަލައަށް ހައްލު ގެނެސްފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން ވަނީ އެ ކޮމިޝަނުގެ އެންގުމާއި އެއްގޮތަށް72 ގަޑިއިރު ތެރޭގައި ފުލުހުން އެކަން އިސްލާހު ކޮށްފައި ނުވާތީ ފިޔަވަޅު އަޅަން ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް