މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވާ ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ތައްޔާރުކުރި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއެއް އެމްއެންޑީއެފަށް ހަދިޔާ ކޮށްފިއެވެ.
މިކަމަށްޓަކައި މިނިސްޓްރީ އޮފް ޑިފެންސް ގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ފަރާތުން މި މޮޑެލްއާ ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޑިފެންސް ދެއްކެވި ވާހަކަފުޅުގައި ނަޞްރުގެ ދުވަހާ ގުޅުވައިގެން މިފަދަ މޮޑެލްއެއް ތައްޔާރުކޮށް ހަދިޔާކުރެއްވިކަމަށްޓަކައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢުއަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި މޮޑެލްއަކީ ތަފާތު ހުނަރުވެރި މަސައްކަތްތެރިކަމެއް ފެނިގެންދާ މޮޑެލްއެއްކަން ފާހަގަކުރައްވާ މޮޑެލް ތައްޔާރުކުރުމަށް ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ދައްކުވައިދީފައިވާ ހުނަރުވެރި މަސައްކަތް އެކަމަނާ ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ވަނީ ޕްރައިވެޓް ޢަބްދުﷲ ޝާފިޢުގެ ހުނަރުވެރި މަސައްކަތަށް ތަޢުރީފް ކުރައްވާފަ އެވެ. އަދި މި ބައްދަލުވުމުގައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ވަނީ މި މޮޑެލް ފަރުމާ ކުރުމާއި މޮޑެލް ހެދުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޑިފެންސް މިނިސްޓަރާ ޙިއްސާ ކުރައްވާފަ އެވެ.
ރ. ހުޅުދުއްފާރު، ކުރިކީލަގެ، އުމުރުން 28 އަހަރުގެ ޕްރައިވެޓް ޢަބްދުﷲ ޝާފިޢުއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ބޭކަލެކެވެ.
އޮފީސް މަސައްކަތްތަކުގެ އިތުރުން ލިބޭ ހުސްވަގުތުގައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢު އަކީ އަތްތެރި މަސައްކަތް ކުރާ ފަރާތެކެވެ. ޕްރައިވެޓް ޢަބްދުﷲ ޝާފިޢު އެމްއެންޑީއެފަށް ހަދިޔާކުރި 3 ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއަކީ 2 ފޫޓު ދިގު މިނަށް ހަދާފައިވާ މޮޑެލް އެކެވެ.
ގާތްގަނޑަކަށް 1 މަސް ދުވަހުގެ މަސައްކަތުން ތައްޔާރުކުރި މި މޮޑެލް ހަދާފައިވަނީ ސޮންބޯޑާއި ކަރުދާސް އަދި ދަގަނޑު ބޭނުންކޮށްގެން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް