ސިލްސިލާ ވާހަކަ: ޒާރާ - ސާޅީސް ހަތަރުވަނަބައި

ދަހިވެތިކަން އުތުރި އަރަމުންދިޔަ ނާޒިމާގެ ހިތުގައި ޒާރާއަށްޓަކައި ކުރިއްސުރެ އުފެދިފައިވާ ހަސަދަވެރިކަމާ ނަފުރަތު އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ކުއްލިއަކަށް ނާޒިމާ ހުއްޓުނެވެ. ކޮންމެވެސް އެ...

03 Nov 2020 | 07:29

ދަހިވެތިކަން އުތުރި އަރަމުންދިޔަ ނާޒިމާގެ ހިތުގައި ޒާރާއަށްޓަކައި ކުރިއްސުރެ އުފެދިފައިވާ ހަސަދަވެރިކަމާ ނަފުރަތު އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ކުއްލިއަކަށް ނާޒިމާ ހުއްޓުނެވެ. ކޮންމެވެސް އެއްޗެއް ވިސްނިގެން ހުއްޓޭފަދަ ގޮތަކަށެވެ. ނާޒިމާގެ ނަޒަރު ހުއްޓިފައިހުރީ އަތުގައިހުރި ތަބަށް ތެރޭގައިހުރި ޒާރާއަށްޓަކައި ހާއްސަކުރެވިފައިވާ ޖޫސްތައްޓަށެވެ. ހަމަ އެހިނދު މަކަރުވެރި ހިނިތުންވުމެއް ނާޒިމާނެ ތުންފަތްމައްޗަށް ވެރިވެގެންދިޔައެވެ.

މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކޮޓަރިން ބޭރަށް ނިކުތެވެ. އަތުގައި ހުރި ތަބަށް ޓައިލްސް މަތީގައި ބެހެއްޓުމަށްފަހު ކޮނޑުގައި އަޅުވާފައިވާ ދަބަސް ހުޅުވާލިއެވެ. އޭގެތެރެއިން ނާޒިމާ ނެގީ ނިދާބޭސް އަޅާފައިވާ ކުޑަކުޑަ ފުޅިއެކެވެ. އެއީ ދޭތެރެ ދޭތެރެއިން ނާޒިމާ ބޭނުންކުރާ ބޭހަކަށް ވުމުން ދަބަސް ތެރޭގައި އެ ބޭސްފުޅި އަބަދުވެސް އޮވެއެވެ. ހާމިދުގެ އެތަށް ބޭހެއް އަލަމާރި ތެރޭގައި ހުންނައިރު ނާޒިމާއަށް އޮޅިދާނެތީ އެ ބޭސްފުޅި އަބަދުވެސް ބާއްވަނީ ދަބަސް ތެރޭގައެވެ. އެ ބޭސް ހުސްނުކޮށް ގެންގުޅޭތާ އެތައް ދުވަހެކެވެ. ދޭތެރެއަކުން ހާމިދަށްވެސް ނާޒިމާ އެ ބޭސް ދެއެވެ. އޭގެ ސަބަބުން ހާމިދަށް އެތަށް އިތުރު އުނދަގޫތަކެއް ކުރިމަތިވާކަމީ ނާޒިމާ ނޫން އެހެން މީހަކަށް ނޭނގޭ ސިއްރެކެވެ.

ދަބަހުން ބޭސްފުޅި ނެގުމަށްފަހު ދެކޮޅު ހޯދާ ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފުރުސަތު ނަގާލާކަށް ނާޒިމާ ބޭނުމެއް ނޫނެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ބޭނުންވި ވަރަށް ޖޫސް ތައްޓަށް ބޭސް އަޅައިފިއެވެ. ތަބަށް ހިފައިގެން ތެދުވި ވަގުތު ނާޒިމާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. ހާސްވި ވަރުން ނިތްކުރިމަތިން އޮއްދާ ހިއްލާލިއެވެ. ނެގިނެގިފައި ޖެހެމުން ދިޔަ ހިތުގެ ހިނގުން އޮބި ނޯންނަވަރު ވެއްޖެއެވެ. ބަލަން ހުރެވުނީ ދޮރާ ދިމާ މަތިން ސީލިންގުގައި ހަރުކޮށްފައި އިން ކުޑަކުޑަ ކެމެރާއަށެވެ. އެ ގޭގައި ސެކިއުރިޓީ ކެމެރާ ހުންނާނެކަން ނާޒިމާގެ ހަނދާނުން ކައްސާލީ ކީއްވެބާވައެވެ.

''މަންމަ ވެސް އެބަހުރިންދޯ..........'' ނުހަނު ގާތުން އިމްރާންގެ އަޑު އިވުމުން ނާޒިމާއަށް ތެޅިގަނެވުނެވެ. ބުނާނެ އެއްޗެއް ހަދާނެ ގޮތެއް ނާޒިމާ އަކަށް ނޭނގުނެވެ. އިމްރާން އާ ހަތަރުކަޅި ހަމަކުރަން ނާޒިމާއަށް އުނދަގޫވިއެވެ. ސިއްރު ސިއްރުން ވައްކަޅިން ބެލެނީ މަތީގައި އިން ކެމެރާއަށެވެ.

''މަންމަ ހާދަ ހާސްވެފަހުރިހެން ހީވެޔޭ........ ކިހިނެތްވީ އަނެއްކާ...... ކޮން ޖޫސްތައްޓެއް.......... ޒާރާގެ ދޯ....... ވަރަށް ވަރުން ތި ޖޫސްވެސް ބޯނީ....... ނުބައޭ ކިޔާފަ ނުބޯންވެގެން އުޅޭނީ..........'' އިމްރާން އިޝާރާތް ކުރީ ނާޒިމާގެ އަތުގައި ހުރި ތަބައްތެރޭގައި ހުރި ޖޫސްތައްޓަށެވެ.

''އާދޭ މަންމާ........ އިމްރާން ކޮޓަރި ދޮރު  ހުޅުވާލަމުން ނާޒިމާއަށް ތަން ދެއްކިއެވެ. ހާދާނެ ގޮތެއް ނާޒިމާއަކަށް ނުވިސްނުވެ. އެ ޖޫސްތަށި ޒާރާއަށް ދޭކަށް ނާޒިމާ އަކަށް ނުކެރޭނެއެވެ. ނާޒިމާގެ އަމަލުތައް ކެމެރާއަށް ރެކޯޑް ކުރެވިފައި ވާނެކަމާމެދު ޝައްކެއްނެތެވެ. ކޮޓަރިއަށް ނުވަދެ އަނބުރާލާފައި ދާންވީއޭ ނާޒިމާގެ ހިތަށް އެރިއެވެ. ނޫނީ އިމްރާން އަތަށް ޖޫސްތަށި ދޭންވީއޭ ވެސް އޭނާގެ ހިތް ބުނަމުން ދިޔައެވެ. ކޮންމެ ހެނެއްވިޔަސް އެ ޖޫސްތަށި ޒާރާ ބޮއެފިއްޔާ ހުރިހާކަމެއް ގޯސްވާނެއޭ ނާޒިމާގެ ސިކުނޑި ބުނަމުންދިޔައެވެ. ހަދާނީ ކިހިނެއްބާވައެވެ.

''ޒާރާ ...... ބަލާބަލަ ........ މަންމަ މިއޮއް އައީ ........'' ނާޒިމާއަށް ގޮތެއް ނުނިންމިގެން އުޅެނިކޮށް އިމްރާން ގޮވާލިއަޑު އިވުނެވެ. އިމްރާންގެ އަޑު އިވުނުހެން ހީވެގެން ޒާރާ ކަންފަތުން ހެޑްސެޓް ނައްޓާލަމުން ބަލާލިއެވެ. ކޮޓަރިއަށް ވަންނަން އެއްފައި އެތެރެއަށް އެޅުމަށްފަހު ހުއްޓުން އަރާފައި ހުރި އޭނާގެ ދޮން މަންމަގެ މޫނަށް ނަޒަރު ހުއްޓުނެވެ. ނާޒިމާ އަކީ ޒާރާގެ ދޮން މަންމަ ކަން އެނގުނު ދުވަހުން ފެށިގެން ޒާރާ މާގިނައިން ނާޒިމާ އާ ވާހަކަ ދައްކައެއް ނޫޅެއެވެ. ޒާރާއަށް އެކަން އެނގުނުކަން ކޮންމެހެން ނާޒިމާއަށް އަންގާކަށްވެސް ޒާރާ މަސައްކަތެއް ނުކުރެއެވެ. ސަބަބަކީ ޒާރާ އޭނާގެ ބައްޕަ އާ ޒައިދު ދެކެ އިންތިހާއަށް ލޯބި ވާތީއެވެ. އެހެންނަމަވެސް މިހާރު ނާޒިމާއަށް މަންމާ އޭ ކިޔާފައި ގޮވަން ޒާރާގެ ހިތް އިންކާރު ކުރާ ސަބަބެއް ޚުދު ޒާރާއަސް ވެސް ނޭނގެއެވެ.

ޒާރާ ލެޕްޓޮޕް ބެހެއްޓުމަށްފަހު ތެދުވިއެވެ. ނާޒިމާގެ ނަޒަރު ހުއްޓުނީ ޒާރާގެ ހަށިގަނޑާ ދިމާއަށެވެ. މާ ބަނޑު ވުމުގެ ސަބަބުން ހަށިގަނޑަށް އެއްވެސް ބަދަލެއް އައިސްފައިވާހެނެއް ހިޔެއްނުވެއެވެ. އިހުނަށްވުރެވެސް ޒާރާ ރީތިކަމުގައި ނާޒިމާއަށް ގަބޫލު ކުރެވުނެވެ. އެ ފަން އިސްތަށިގަނޑު އިހުނަށްވުރެ ދިގުވެފައި ކަޅުކަން ގަދައެވެ. އަތްކުރު ޓީޝާޓަކާ ހަރުވާޅެއް ލައިގެން ހުރި އިރު އެ ހަށިގަނޑުގެ ފުރިހަމަކަން އެތައް ގުނައެއް އިތުރު ވެފައި ވެއެވެ. ނާޒިމާގެ ނަޒަރު އެންމެ ފަހުން އަމާޒުވީ ޒާރާގެ ބަނޑާދިމާއަށެވެ. ކުޑަކުޑަ ލޯބި ބަނޑުކޮޅެއް ހުރިހެން ހީވެއެވެ. ޓީޝާޓު ދޫކަމުން މާ ރަނގަޅަށް އެނގޭވަރު ނުވިޔަސް ނާޒިމާ އަންދާޒާ ކުރިއެވެ. އެ ދަރިފުޅު އުފަންވިޔަ ދޭކަށް ނާޒިމާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އެ ދަރިފުޅު އުފަން ވެއްޖެއްޔާ ސަރީފާގެ މުޅި މުދާގަނޑު ޒާރާއަށް މިލްކުވާނެއެވެ. އެހެން ވާކަށް ނާޒިމާ ދުވަހަކުވެސް ނޭދެއެވެ. ނާޒިމާގެ ސިނކުޑީގައި ވިސްނުމުގެ އޮއިވަރެއް ދެމިގަތެވެ. އެ ކޮޓަރިއަށް ވަތްއިރު ކުރެވެމުންދިޔަ އިހްސާސްތަކުގެ މަތިން މުޅިންހެން ހަނދާން ނެތިއްޖެއެވެ. ނާޒިމާއަށް ހުރެވުނީ އެސްފިޔަވެސް ޖަހާނުލާ ޒާރާއާ ދިމާއަށް ބަލާށެވެ. އެވަރަށް ބަލާތީ ޒާރާއަށް އުނދަގޫވާން ފެށިއެވެ.

މަޑުމަޑުން ޒާރާ ހިނގައިގަތީ ނާޒިމާގެ ގާތަށެވެ. އެ ހިނދު އިމްރާން އަތުން ޒާރާ އިށީނުމަށް އިޝާރާން ކުރަމުން ނާޒިމާ ހިފަހައްޓައިގެންހުރި ތަބައް ތެރޭގައި ހުރި ޖޫސްތަށި ނެގިއެވެ.

''އާދޭ ...... މަންމާ......''  ޒާރާއަށް ޖޫސްތަށި ދިނުމަށްޓަކައި އިމްރާން ހިނގައިގަތެވެ. ނާޒިމާއަށް ހޭވެރިކަންވީ އިމްރާންގެ އަޑު އިވުމުންނެވެ. ޚިޔާލީ ދުނިޔެއިން ނިކުމެވުނުއިރު އިމްރާން ދިއްކޮށްލި ޖޫސްތަށީގައި ޒާރާ ހިފައިފިއެވެ. އެމަންޒަރު ފެނުމާއެކު ނާޒިމާގެ މޭގަނޑު އަތަށް އައިކަހަލައެވެ. އަވަސް ހިނގުމެއްގައި ގޮސް ޒާރާގެ އަތުން ޖޫސްތަށި އަތުލިއެވެ. އިމްރާނާ ޒާރާއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އެކަކު އަނެކެއްގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލާލެވުނެވެ.

''ކިހިނެއްވީ މަންމާ.....'' ސުވާލު ކުރީ އިމްރާނެވެ.

''މެއްސެއް ޖައްސާފަ އިނީ.....'' ނާޒިމާ ދޮގެއް ހަދާލިއެވެ. އެ ޖޫސްތަށި ޒާރާ ބޯތަން ދެކެން ކިތަންމެ ބޭނުންވިޔަސް ނާޒިމާއަށް އެކަން އެގޮތަށް ވާން ދޫކޮށްލެވޭކަށް މިވަގުތު ނެތީއެވެ. އެ ޖޫސްތަށި ބޮއެގެން ޒާރާއަށް ކަމެއް ވެއްޖެނަމަ ނާޒިމާއަށް ޝައްކު ކޮށްފާނެތީއެވެ. އެކަން ސާބިތު ވާނެތީ ނާޒިމާ ޖެހިލުންވީއެވެ.

''މަންމަ ބޭރުގަ ހުއްޓާ ތީގަ މެއްސެއް ޖައްސައިގެން އިންހެން ހީވި.... ނުވާނެ މެހި ޖައްސާފަ ހުރި އެއްޗެއް މަންމަގެ ދަރިފުޅަށް މިދުވަސްކޮޅު ދޭކަށް...... އަންނާނަން އަލުން ޖޫސްތައްޓެއް ހިފައިގެން.......'' ނާޒިމާ މަސައްކަތްކުރީ އޭނާގެ ހާސްކަން ފޮރުވާށެވެ.

''މިގަޑީގަ ނެތް ޖޫސްބޯހިތެއް.....'' ޒާރާ ދުރު ބަލަން ހުރެ ޖަވާބު ދިނެވެ. ހަމަގައިމުވެސް އޭނާގެ ހިތުގައި ޝައްކުތަކެއް އުފެއްދިއްޖެއެވެ. އެ ޖޫސްތައްޓަށް ނާޒިމާ ވިހަލާފައި ހުރީބާވައެވެ. ގައިމުވެސް ގޭތެރޭގައި މެއްސެއް ނޫޅެއެވެ. މެހި ޖެއްސި ނަމަވެސް ވަގުތުން ޖޫސްތަށި އުކާނުލާ ކޮޓަރިއަށް ވެއްދީ ކީއްވެ ބާވައެވެ. އެ ޖޫސްތަށި ބޮވުނުނަމަ ވާނީ ކިހިނެތްބާވައެވެ. ޒާރާއަށް ބޭއިޚްތިޔާރުގައި އޭނާގެ ބަނޑުގައި އަތް ޖައްސާލެވުނެވެ. ހިތަށް އަރަމުން ދިޔަ އެތައް ޚިޔާލު ތަކެއްގެ ސަބަބުން އޭނާގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަން ގެއްލިއްޖެއެވެ.

ނާޒިމާ ޖޫސްތަށި ހިފައިގެން ނިކުތެވެ. އެތައް ސުވާލެއް ކުރިމަތި ވާނެކަމަށް ބިރުން ހުއްޓަސް ސަރީފާ އެވަގުތު ފެންނަން ނެތީތީ ނާޒިމާ އުފާކުރިއެވެ. އަވަސް އަވަހަށް ޖޫސްތަށި ސިންކު ތެރެއަށް އަޅާލުމަށްފަހު ތަށި ދޮވެލިއެވެ.

********

ހިނގާދިޔަ ކަންތަކަށްފަހު ޒާރާގެ މޫޑު މުޅިން ބަދަލުވެއްޖެއެވެ. އިމްރާނަށް އެކަން ފާހަގަކުރެވޭތީ ތަކުރާރުކޮށް ޒާރާ ކުރެން އަހައިފިއެވެ. ޒާރާ ބޭނުންވީ އިމްރާނަށް ހަޤީގަތް ކިޔާދޭށެވެ. ނާޒިމާ އަކީ ޒާރާގެ މަންމަ ނޫންކަން ބުނެދޭށެވެ. އެކަންތައް ވީގޮތް ފެށުނީއްސުރެ ނިޔަލަށް އިމްރާނަށް ޒާރާ ކިޔައިދިނެވެ. ބައްޕަގެ ހިތްދަތި މާޒީ އާއި ޒާރާއާ މެދު ނާޒިމާ ކަންތައްކުރި އިހާނެތި ގޮތްތަކެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއް އިމްރާން މަންމައަށް އަންގާކަށް ޒާރާވެސް އަދި އިމްރާނުވެސް ބޭނުމެއް ނުވިއެވެ. އިތުރު ހިތްހަމަނުޖެހުމެއް ދެއާއިލާ މެދުގައި އޮންނަން ބޭނުން ނުވާތީއެވެ.

ޒާރާގެ ފަރާތުން އިވުނު ވާހަކަތަކާ ނާޒިމާގެ ހަރަކާތްތައް ގުޅުވާލެވުމުން އިމްރާންގެ ހިތް ބިރުގަންނަންފެށިއެވެ. ޒާރާގެ ދެމައިންނަށް ކުޑަނަމަވެސް ގެއްލުމެއް ލިބޭތަން ދެކޭކަށް އިމްރާންގެ ހިތަކަށް ކެތެއް ނުވާނެއެވެ.


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް