ހާއިނުންގެ ގޮތުގައި ދިވެހި ގައުމު ބަލައިގެންފައިވާ ނޮވެމްބަރު ތިނެއްގެ ހަމަލާގެ މޭސްތިރިންނާއި މެދު އަބަދުވެސް ފާރަވެރިވާން ޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުންދާ ނަސްރުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ މީގެ 32 އަހަރު ކުރިން އެތައް ބަޔަކު ޝަހީދުވެގެން ލިބުނު ނަސްރު ހަނދާންކޮށްދެނީ ހާއިނުންނަށް ފާރަވެރިވާން ޖެހޭ ކަންކަމަށެވެ. ޑރ. ޖަމީލް ވިދާޅުވީ އެދުވަހުގެ ބާޢީންކަމަށްވާ އަބްދުﷲ ލުތުފީ އާއި އަހުމަދު ނާސިރު ފަދަ ހާއިނުންނަށް ގައުމު އަބަދުވެސް ހޭލުންތެރިވާން ޖެހޭނެ ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ލުތުފީއަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ހިމާޔަތް ދިނުމަކީ ބާޢީން ޢާޒީންނަށް ހެދުން ކަމަށެވެ.
https://twitter.com/MJameelAhmed/status/1323492314300485632
ލުތުފީ ބޭސްފަރުވާއަށް ގޮސް ފިލާފައިވަނީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ލަންކާގައި ދިރިއުޅޭކަން އެނގުނު ނަމަވެސް ސަރުކާރުން ލަންކާ ސަރުކާރުގެ އެހީގައި އޭނާ ހައްޔަރު ކުރުމަށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.
އޭގެ ފަހުން މިދިޔަ އަހަރު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގައި ވިސާ ނެތި އުޅޭ މީހުން ހޯދައި ހައްޔަރު ކުރަން ފެށުމުން ލުތުފީ ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް ހިމާޔަތް ހޯދާފައި އެވެ. އޭނާ ލަންކާ އެމްބަސީ ދިރިއުޅޭކަން ފަޅާ އެރީ 11 ދުވަސް ފަހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވާހަކަ މީޑިއާގައި ހާމަ ކުރުމުންނެވެ.
އިދިކޮޅާއި ރައްޔިތުންގެ ޕްރެޝަރު ބޮޑުވެގެން އޭގެ ހަފްތާއެއް ފަހުން ފުލުހުން ގޮސް ލުތުފީ ރާއްޖެ ގެނެސް ކަރެކްޝަނަލް ސާވިސް އާއި ވަނީ ހަވާލުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް