ޝަހީދު ހުސެއިން އާދަމް ދެއްކެވީ ރިވެތި ނަމޫނާއެއް ކަމަށާއި މި ނަމޫނާއަށް މިންނެތް ތައުރީފް ހައްގުކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން އެކަމަނާ ނެރުއްވި ހިތާބުގައެވެ.
މިނިސްޓަރ މާރިޔާގެ މި ޚިތާބުގައި ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހަކީ ދިވެހި ތާރީހުގެ ކަޅު ސޮފްހާއެއް ކަމަށާއި، ޝަހީދު ކޯޕްރަލް ހުސެއިން އާދަމް ފަދަ އަބްތޯލުން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިންނެތް ތައުރީފު ހައްގުކަމަށެވެ. އަދި އެދުވަހު ދިވެހި އާންމު ރައްޔިތުން ދެއްކެވި ހިތްވަރާއި އަވަށްޓެރި އިންޑިއާއިން ވެދެއްވި އެހީތެރި ކަމަށް މިނިސްޓަރު މާރިޔާ ވަނީ ޝުކުރު ދަންނަވާފައެވެ.
މާރިޔާގެ މި ޚިުތާބުގައި އެކަމަނާ އިތުރަށް ވިދާޅުވީ ރައީސް ސޯލިހް ސަރުކާރުން ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި އަދި އެދުވަހާއި އަޅާބަލާއިރު މިއަދު ގައުމީ ދިފާއީ ބާރުގެ ގާބިލްކަމާއި ވަސީލަތްތައް އެތައް ގުނައެއް އިތުރުވެ ފުޅާވެފައިވާ ކަމަށެވެ.
ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ބިރުވެރި ހާދިސާއެވެ. ލަންކާ ތަމަޅަ ޓައިގަރުންގެ ބަޔަކާއި ދިވެހިންގެ ތެރެއިން ބަޔަކާއި ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި ވެރިކަން ނިގުޅައިގަތުމަށް ބަރުހަތިޔާރުން ހަމަލާދީ އެތަކެއް ދިވެހީންނެއް ޝަހީދުކޮށްލި ނާމާން ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް