ނަޞްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުޠެއްނެތި، ލޯބިވުމުގެ މުހިންމު ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވެވަޑައިގެންނެވި، ސިފައިންގެ ބޭކަލުންނާއި ޢާންމު ރައްޔިތުންގެ ޤުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ޤައުމާ މެދު އޮންނަ ޚާލިޞް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަންކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން ގެންދާ ނަސްރުގެ ދުވަހާއި ގުޅިގެން ނެރުއްވި ޚިޠާބުގައެވެ. ރައީސް ވިދާޅުވީ އުފަން ފަސްގަނޑުދެކެވާ ލޯތްބާއި ޤަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންދާކަމަށާއި އަދި ޖީލުން ޖީލަށް އެ ލޯބި ވާޞިލުވެއެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން ނެރުއްވި މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވަނީ މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާޢަތެއްގެ ބަޔަކު، ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި ޢުދުވާނަކީ، ދިވެހި ތާރީޚު ދުށް ވަރަށް އަނިޔާވެރި ޢަމަލުތަކެކެވެ. ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މިބިމަށް އޮހޮރުވައި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ ޢަމަލުތަކެއް ކަމަށާއި އެދުވަހު، ދިވެހިންގެ ލޯތައް ފުރިގެންދިޔައީ، ހިތާމަޔާއި މޮޅިވެރިކަމުގެ ކަރުނައިންނެވެ. ނަމަވެސް އެ ހިތާމަވެރި ދުވަހުގެ އިރު އޮއްސިގެން ދިޔައީ، މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި މަދަދާއެކު، ދިވެހިންނަށް ދެއްވި ނަޞްރާއި ކާމިޔާބީގެ ފިނިކަމާއި ތަސައްލީންކަމަށެވެ.
މިއަދު، އަޅުގަނޑުމެން އެދުވަހުގެ ހަނދާންތައް އައުކުރަނީ، އެދުވަހާ ގުޅިފައިވާ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުން އަދި އެހާދިސާއިން ޢިބްރަތް ޙާޞިލުކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ޤައުމުގެ ދިފާޢީ އައްޑަނަ ކަމަށްވާ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، އޭރުވެސް އަދި މިހާރުވެސް، ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެއް ކަމަށް ރައީސް ޞާލިހް މިއަދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާއިން، ދިވެހި ޤައުމު ޙިމާޔަތްކުރުމުގައި، ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކުވެސް އަޅުގަނޑުމެންގެ ހަނދާނުން ފުހެވިގެން ނުދާނެ ކަމަށެވެ. އަދި އެނުރައްކާތެރި ވަގުތުގައި، ދިވެހި ރައްޔިތުން އިސްކުރި، އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އާވެ އާލާވަމުން އަންނަ، ޤައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި އަސްކަރިއްޔާ ޒަމާނީކޮށް، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސިފައިންނާ މެދު އޮންނަ ފުރިހަމަ އިތުބާރާއި ޔަޤީންކަން ދެމެހެއްޓެވުމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކުރައްވާ ބުރަ މަސައްކަތްޕުޅު ފާހަގަކޮށް، އެކަމަނާއަށް ޝުކުރު ދަންނަވާ ކަމަށްވެސް ރައީސްގެ ހިޠާބުގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް