ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާ: ދިވެހީން އަދިވެސް އެ ހަނދާންތަކުގައި!

ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވި ދުވަހެކެވެ. ހިތްދަތިކަމާއި ރުއިމުގެ ދުވަހެވެ. ހިތާމައިގެ ކޮޅެއްނެތެވެ. އެބިރުވެރި އުދުވާނީ ހަމަލާގެ ދުވަހުގެ ހަނދާންތަކަށް ނިމުމެއްނެތެވެ. އެހަނދާންތައް އާވާ ކޮނ...

03 Nov 2020 | 04:31

ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވި ދުވަހެކެވެ. ހިތްދަތިކަމާއި ރުއިމުގެ ދުވަހެވެ. ހިތާމައިގެ ކޮޅެއްނެތެވެ. އެބިރުވެރި އުދުވާނީ ހަމަލާގެ ދުވަހުގެ ހަނދާންތަކަށް ނިމުމެއްނެތެވެ. އެހަނދާންތައް އާވާ ކޮންމެ ހިނދަކު ހިތައްވެރިވަނީ ބިރުވެރި ކަމަވެ. ސިފަވަނީ އެ ބިރުވެރި މަންޒަރުތަކެވެ.

އެދުވަހު ރާއްޖޭގެ މި މިނިވަންކަމާއި ކުޅެ އަޅުގަނޑުމްނެގެ މާތްވި އިސްލާމް ދީން ފޮހެލާ ގައުމު ނެތިކޮށްލުމަށް ނިރުބަވެރިން ދިން އެ ހަމާލަކުން ދިވެހިންގެ 19 މީހުންގެ ލޭ މި ފަސްގަނޑަށް އޮހުރުވައިލިއެވެ. ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ދިޔަ ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި، އާންމުގެ 11 މީހުންގެ ލެއިން މި ދިވެހި ބިން ތަތްތަޅުވާލިއެވެ. އެވަރުން ވެސް އެ ނުބައި ނުލަފާ ނިރުބަވެރިން ފުއްދައިލީއެއް ނޫނެވެ. މީސްމީހުންގެ ގެދޮރުތަކަށް ގަދަކަމުން ވަދެ އެތައްބައެއްގެ މުދާލޫޓުވިއެވެ. ސަރުކާރުގެ އެތައްތަނަކަށް ބަޑިން ހަމަލާދީ ގެއްލުންދީ ލޫޓުވައިފައިވެއެވެ. ރަޙުމެއްނެތް ކުލުނެއް ނެތި އެތައް ޖަރީމާއެއް މި ދިވެހި ފަސްގަނޑުގައި ހިންގިއެވެ. ނަމަވެސް ﷲގެ މިންވަރުފުޅާއި ވާގިފުޅާއި އެކު އެ ނުލަފާ ނިރުބަވެރިން ނަށް އެންމެފަހުން ޖެހުނީ ހަތިޔާރު ބަހައްޓައި އަމާންދީ ފިލަން ދުއްވައިގަންނާށެވެ. ދިވެހި ސިފައިންގެ ކުރިމަތީގައި އިސްދަށަށް ޖަހައިލާށެވެ. އަވަށްޓެރި އިންޑިއާ ސިފައިގެން ކުރިމަތީ ކުޑަކަކޫ ޖަހާށެވެ.

އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. ފަތިސްގަޑިއަށް މުޅި މާލެއަށް ވެރިފައިވާ ހަމަހިމޭން ވަގުތެވެ. އެ ހަމަހިމޭންވަގުތު ބިރުވެރި ނާމާން ވަގުތަކަށް ބަދަލުވެގެން ދިޔައެވެ. ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ރާއްޖެ އަރާ ހަނގުރާމަ ކުރަން ފެށުމުންނެވެ. އެ ކުލީ ސިފައިންނަކީ ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ރިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ މީހުންނެވެ. އެމީހުން މާލެއާ އަރާ ބަރު ހަތިޔާރާއެކު ދޭންފެށި ހަމަލާތަކުގެ ސަބަބުން މާލެއަށް ވެރިވެފައިވާ ހިމޭންކަން ނާމާން ކަމަށް ބަދަލުކޮށްލިއެވެ. ހިތާމަވެރިކަން އިތުރުވީ އެޙަމަލާތަކުގައި ބައެއް ދިވެހިންވެސް ބައިވެރިވާކަން އެނގުމުންނެވެ.

ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ބަޑީގެ އަޑުފައްގަނޑުން މުޅި ޖައްވު ގުގުމަމުން ދިޔައިރު، ދިވެހީންނަށް ތިބީ އެކަމުގެ ވާނުވާވެސް ނޭންގިފައެވެ. މިވަނީ ކިހިނެއްތޯ ބަލަން އާންމުން މަގުތަކަށް ނުކުމެ ޚަބަރުތައް ބަލަން ފެށިއެވެ. ލިބެންފެށި ޚަބަރުތަކަކީ ރާއްޖޭގެ ވެރިކަން ވައްޓާލަން ހަތިޔާރުއެޅި ބަޔަކު މާލެއަރައިގެން އުޅޭވާހަކައެވެ. އެބަޔަކު އެތައް ދިވެހިންނެއް ޝަހީދުކޮށްލި ވާހަކައެވެ. ބައެއް އާންމުންނާއި ވަޒީރުން ރަހީނު ކޮށްފައިވާ ކަމުގެ ވާހަކައެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް އަވަހާރަކޮށްލަން މަސައްކަތް ކުރަމުން ގެންދާ ކަމުގެ ވާހަކައެވެ. މިފަދަ އަޑުތަކާއެކު ދިވެހިންގެ ހިތްތައް މޯޅިވެގެން ދިޔައެވެ. އެހެންނަމަވެސް ދިވެހި ސައިންނާމެދު އޮތް އިތުބާރަށް ކުޑަވެސް އުނިކަމެއް ނުގެނެއެވެ.

ހިތްވަރުގަދަ ދިވެހި ސިފައިން ތިއްބެވީ އެގޮތަށް އައިސް ބަޔަކު ދޭ ޙަމަލާއަކަށް ދޫދެއްވާ ގޮތަކަށް ނޫނެވެ. ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށްޓަށް ދެމުން ގެންދިޔަ ޙަމަލާތަކުގެ ރައްދު ދިވެހިސިފައިން ދެއްވަމުން ގެންދެވީ ޤައުމީ ޖޯޝުގައެވެ. ޤައުމީ ވިންދު ޖަހާ، އިސްލާމީ ލޭ ހިނގާ ގަދަފަދަ ހިތަކާއެކު ދުޝްމަނުންނަށް ރައްދު ދެއްވަމުން ގެންދެވި ސިފައިގެ ޙަމަލާތަކުން ޓެރަރިސްޓުން ހުއްޓުވިއެވެ. އެމީހުން ފަހަތަށް ޖެއްސިއެވެ. އެހެންނަމަވެސް ސިފައިގެ ތެރެއިން 8 ބޭކަލެއްގެ ފުރާނަ ޤުރުބާން ކުރައްވައިގެންނެވެ. އެމަތިވެރި ޝަހީދުންނަށް މާތްﷲ ސުވަރުގޭގެ ތަނަވަސް ރަޙުމަތް މިންވަރު ކުރައްވާށިއެވެ.

އެމީހުން ކިންތަމެ މޮޅަށް ޕްލޭން ހަދައިގެން އަޔަސް މާތްﷲ ގެ ކުޅަދުންވަންތަކަން މާބޮޑެވެ. އެމީހުންގެ އެއްވެސް ޕްލޭނެއް ހިނގާގޮތެއް ނުވިއެވެ. ހުރިހާ ޕްލޭނެއް ދިޔައީ ފޭލިވަމުންނެވެ. އެހިސާބުން އެވެރިންގެ މެދުގައި ޚިޔާލު ތަފާތުވެ މައްސަލަ ޖެހުނެވެ.

އެމީހުންގެ ޕްލޭން ވިއްސިވިހާލިވެގެން ދިޔައިރު ވެސް ދިވެހި ސިފައިންގެ ޙަމަލާތަކަށް ބަދަލެއްނާދެއެވެ. މެންދުރު އެންމެ އަވިބާރުވި ވަގުތުވެސް މެދު ކެނޑުމެއްނެތި ސިފައިން ދިޔައީ ރައްދުދެއްވަމުނެވެ.

ޓެރަރިސްޓުންނާއި، ދިވެހި ސިފައިންނާ ދެމެދު ބަދަލުކުރެވެމުންދިޔަ ޙަމަލާތަކުގައި އަދުގެ ބަތަލް ޝަހީދު ޙުސައިން އާދަމް ދެއްކެވި ހިތްވަރަކީ ދިވެހި ފަސްގަނޑުގައި ދިވެހިން އުޅޭހާ ހިނދަކު ހަނދާނުން ފޮހެވޭނެ ކަމެއްނޫނެވެ. ދުޝްމަނުންގެ ކުރިމަތީ ހަނގުރާމައިގެ އެންމެމަތީ ހިތްވަރާއި ފަންވަރު ދެއްކުމަށްފަހު އޭނާ އެވީ ޝަހީދެވެ. އޭނާގެ ފުރާނައަށް ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

ޝަހީދު ޙުސައިން އާދަމު އެދުވަހު ސިފައިންގޭގެ މައިދޮރާށި ޙިމާޔަތް ނުކޮށްދެއްވިނަމަ ދެންވާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. އޭނާގެ އަތުން އެދުވަހު ވަޒަން ހުސްނުވިނަމަތާއެވެ.

ބާޣީން އެދުވަހު ސިފައިންގެއަށް ޙަމަލާދޭން މަސައްކަތް ކޮށްފައިވަނީ ދޮށިމޭނާ ބިލްޑިންގ ތެރެއަށްވަދެ އެތާހުރި ފާރެއް ނިވައި ފަތްގަނޑަކަށް ހަދައިގެންނެވެ. އެކަމަކު އެމީހުންގެ ޙަމަލާތައް ދޭން ފެށުމުން ވަގުތުން ދިވެހި ސިފައިން ވެސް ޙަމަލާ ދޭންފެށިއެވެ. ނަތީޖާއަކަށްވީ އެމީހުން ރާވައިގެން އައި ގޮތަށް އެކަން ނުވުމެވެ.

ދިވެހި ސިފައިންގެ ގަދަފަދަ ޙަމަލާގެ ކުރިމަތީގައި ބާޣީން ބަލިވަމުންދަނިކޮށް އެމީހުންނަށް އިތުރު ނާ އުންމީދަކާ ކުރިމަތިވީ ރަޙުމަތްތެރި އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެ އަންނަ ޚަބަރާ އެކުގައެވެ. މި ޚަބަރު ލިބުމާއެކު ބާޣީން މަސައްކަތް ފެށީ ފިލައިގެން ދިޔުމަށެވެ. އެގޮތުން އަތުޖެހުނު ދިވެއްސަކު ވިއްޔާ ރަހީނުކޮށްގެން މާލޭގެ ބަނދަރުގައިއޮތް، އެމްވީ ޕްރޮގްރެސް ލައިޓް ކިޔާ ބޯޓަކަށް ގެންދިޔައެވެ. އަދި އޭގައި ފިލައިގެން ދިޔުމަށް ދަތުރުފެށިއެވެ. އޭގައި ރަހީނުންގެ ގޮތުގައި 27 ދިވެހިން ގެންދިޔައެވެ. އޭގެ ތެރޭގައި އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަޙުމަދު މުޖުތަބާގެ ދެކަނބަލުން ވެސް ހިމެނިވަޑައިގެންނެވިއެވެ.

ބާޣީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިންޑިއާއިން ފޮނުވީ ހަނގުރާމަ މަތީ ތިން މަނަވަރާއި ސޯޅަ ސަތޭކަ ސިފައިންނެވެ. އިންޑިއާއިން ފޮނުވި އެހީގެ ލަޝްކަރަށް މާލެއާ ހަމައަށް އާދެވުނީ ނޮވެމްބަރުމަހުގެ ތިންވަނަދުވަހުގެ ރޭ 10:00 އެހައިކަންހާއިރުއެވެ.

ރާއްޖެ އާދެވުމާއެކު އިންޑިއާގެ މަނަވަރު ޕްރޮގްރެސް ލައިޓު ހޯދައި އޭގައިތިބި ދިވެހީން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ. އެންމެފަހުން އިންޑިއާގެ މަނަވަރުން ޕްރޮގްރެސް ލައިޓު ހޯދިއެވެ. ބޯޓު ހޯދުމަށްފަހު އަމާންދީ ބޯޓު މަޑުކުރަން އެތައްފަހަރެއްގެ މަތީން އިންޒާރު ދިނެއެވެ. އެހެންނަމަވެސް އެމީހުން އަމާނެއް ނުދިނެވެ. އިންޑިއާ މަނަވަރު ވަކިވަރަކަށް ބޯޓާ ކައިރި ކުރުމުން ޕްރޮގްރެސް ލައިޓުން މީހަކު މަރައިފައި ކަނޑަށް ވައްޓައިލިއެވެ. އެއޭއެކު އިންޑިއާ މަނަވަރު ފަހަތަށް ދިޔައެވެ. އަނެއްކާވެސް އަމާންދީ މަޑުކުރުމަށް އެންގުމުން އަމާން ނުދިނެވެ. އެންމެފަހުން އިންޑިއާ މަނަވަރުންވަނީ އެ ބޯޓަށް ހަމަލާދީ ބޯޓު ފައްތާލައިފައެވެ. އެއަށްފަހު އޭގައި ތިބި ދިވެހިންނާއި ބާޣީން މަނަވަރަށް ނެގިއެވެ.

ދިވެހީންނެވެ. މިއަދަކީ ވެސް ނޮވެމްބަރު މަހެއްގެ ތިންވަނަ ދުވަހެވެ. ނަމަވެސް މިހާރުމީ 1988 ވަނަ އަހަރެއްނޫނެވެ. 2020 ވަނަ އަހަރެވެ. މިއަދު 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގެ މަތިން ހަނދާންކޮށްލަ ކޮށްލައި ތިބެގެން ވާކަށްނެތެވެ. އެ ދުވަހަށް ފަހު މިއަދާއި ހަމައަށް އައިއިރު ވަރަށް ގިނަ ކަންތައްތަކެއް މިވަނީ ބަދަލުވެފައެވެ. އެދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެދުވަހުން ޢިބުރަތް ލިބިގަނެ، އެދުވަހުގެ މަތިން ހަނދާން ކުރުމަށެވެ. ބޭނުމަކީ އަދިވެސް އެފަދަ ދުވަހެއް ކުރިމަތިވެދާނެތީ ތައްޔާރަށް ތިބުމެވެ. ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްގެން ތިބުމެވެ.

އެދުވަހުގެ ބިރުވެރިކަން ދިވެހީންގެ ހިތްތަކުން އަދިވެސް ފިލައިގެން ނުދާއިރު، އެފަދަ ދެވަނަ ފުރުސަތެއް އެއްވެސް ބަޔަކަށް ނުދިނުމަކީ މުޅި ދިވެހި ވަތަނުގެ އެދުމެވެ. އާދޭހެއެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ވަތަނުގެ ދިފާއުގައި ތިބި ދިވެހި ސިފައިން މާތްﷲ ގެ ވާގިފުޅާއެކު އަދިވެސް ދިވެހި ގައުމު ޙިމާޔަތް ކޮށްދެއްވާނެއެވެ.

މި ލިޔުމަށް މައުލޫމާތް ނަގާފައިމިވަނީ 3 ނޮވެމްބަރ 1988 ވަަނަ އަހަރުގައި ރާއްޖޭއަށް ކުރިމަތިވި އުދުވާނީ ހަމަލާއާއި ގުޅޭ ގޮތުން 2018 ވަނައަހަރު އާފަތިސް ނޫހުގައި ޝަމްރަތް އަޙުމަދު ލިޔުއްވާފައިވާ ލިޔުމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް