އެލްޖީއޭގެ ބޯޑު އިންތިހާބު މި މަހުގެ 31 ގައި ބާއްވަން ނިންމައިފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިން ހޮވުމަށް ކުރިން ފަސްކުރި އިންތިހާބު މި މަހުގެ 31 ވަނަ ދުވަހު ބާއްވަން އެ އޮތޯރިޓީން ނިންމައިފިއެ...

03 Oct 2026 | 09:57
N/A

N/A

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިން ހޮވުމަށް ކުރިން ފަސްކުރި އިންތިހާބު މި މަހުގެ 31 ވަނަ ދުވަހު ބާއްވަން އެ އޮތޯރިޓީން ނިންމައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި ބުރާސްފަތި ދުވަހު ޝާއިއުކުރި އިއުލާނުގައިވާ ގޮތުން ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 16:00 އަށް ވޯޓުލުން ކުރިއަށް ގެންދާނެއެވެ. ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި ޖުލައި 21 ގައި ގުރުއަތުން ތަރުތީބުކުރި ނަންތައް ހަމަ އެ ތަރުތީބުން އެލްޖީއޭއިން ވަނީ އާންމުކޮށްފައެވެ.

މި އިންތިހާބު ބޭއްވުމަށް ފުރަތަމަ ކަނޑައެޅީ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ މަހުގެ ހަތަރު ވަނަ ދުވަހު އެލްޖީއޭއިން ވަނީ މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސްކުރިކަން އިއުލާންކޮށްފައެވެ.

ފަސްކުރަން ޖެހުނު ސަބަބާ ގުޅޭ ގޮތުން އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލު ވިދާޅުވީ ދިމާވި އިދާރީ މައްސަލައެއްގެ ސަބަބުން ކަމަށެވެ. ނިމާލު ވިދާޅުވެފައިވާ ގޮތުގައި އެލްޖީއޭގެ ފަރާތުން ކުރަން ޖެހޭ ތައްޔާރީތައް ފުރިހަމަކުރި ނަމަވެސް ކައުންސިލްތަކުން ހުށަހެޅި ޝަކުވާތަކާ ހެދި ލަސްކުރަން މަޖުބޫރުވީއެވެ.

ކައުންސިލަރުން މަގާމުގެ ނާޖާއިޒް ފައިދާ ނެގުމާއި މަސްއޫލިއްޔަތު އަދާނުކުރުމާއި ގާނޫނީ ގޮތުން މަނާ ކަންކަން ކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭއަށް ލިބިގެންވެއެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ވަކި މުއްދަތަކަށް ކައުންސިލަރުން މަގާމުން އެކަހެރިކުރުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް