ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
އަދީބުގެ މައްޗަށް ދައުލަތުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ހަތް ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައި އެވެ. އެ ދައުވާތަކުގެ ޝަރީއަތް ނިމެންދެން އަދީބު ބަންދު ކުރަން ކުރިން ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
އަދީބު މިހާތަނަށް ހުންނެވީ ކަރެކްޝަންސްގެ ޖަލު ބަންދުގައި އެވެ. އެ އިދާރާއިން ބުނީ އަދީބު ގޭ ބަންދަށް ބަދަލު ކުރީ ސިއްހީ ހާލަތު ހުރިގޮތުން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.
ދައުވާތަކަށް އޭނާ އިއުތިރާފްވެ ވަޑައިގަތުމުން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުން އަންނަ ހޯމަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް