ކޯވިޑް-19 އާއި ގުޅިގެން މާލޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވޭ ގަޑިތަކަށް ގެނައި ބަދަލަށް ލުއި ދީފި އެވެ.
އެޗްޕީއޭއިން ވަނީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ރޭގަނޑު 8:00 ން ފަތިހު 5:00 އަށް މާލޭ ސިޓީގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އެވެ. އަދި މީހުން އާންމު ތަންތަނަށް ނުކުމެ އުޅުން ރޭގަނޑު 10:00 ން ފަތިހު 5:00 އަށް ވަނީ މަނާކޮށްފައި އެވެ.
އެ ގަވައިދަށް ބަދަލު ގެނެސް ރޭ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެއްގަމު އުޅަނދު ދުއްވޭ ގަޑި އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިރެއިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާވާނީ ރޭގަނޑު 10:00 ން ފަތިހު 5:00 އަށް ކަމަށް ބުނެފައިވެ އެވެ.
އެއްގަމު އުޅަނދު ދުއްވޭ ގަޑިތަކަށް ގެނައި ބަދަލުގެ އިތުރުން ކޯވިޑައި ގުޅިގެން މާލޭގައި އެޅި އެއްވެސް ފިޔަވަޅަކަށް ބަދަލު ނުގެންނަ ކަމަށް ބުނެފައިވެ އެވެ.
މާލެ ސިޓީގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަަޅުތަކުގެ ތެރޭގައި އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކުރުމާއި ފަސް މީހުންނަށްވުރެ ގިނައިން މަގުމަތީގައި އެއްކޮށް ނޫޅުން ހިމެނެ އެވެ. ރޭގަނޑު 10:00 ން ފަތިހު 5:00 އަށް ކާފިއު ހިންގާއިރު މަގުމައްޗަށް ނުކުމެވޭ ގަޑިތަކުގައި އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ޖެހެ އެވެ.
ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ ނިއު ނޯމަލްގައި ގައުމު ހުޅުވާލީ ޖުލައި އެކެއްގައި އެވެ. އެކަމަކު އޭގެ ފަހުން މާލެ ސަރަހައްދުގައި ކޯވިޑް ކޭސްތައް ގިނަވާން ފެށުމުން އޮގަސްޓު މަހުގެ ތެރޭގައި ވަނީ ބައެއް ފިޔަވަޅުތައް އަޅާފައި އެވެ.
މިފަހަރު އެއްގަމު އުޅަނދު ދުއްވުމުގައި ލުއި ދޭން ނިންމީ ކޯވިޑް ކޭސްތައް މަދުވާން ފެށުމާއި ގުޅިގެންނެވެ. މިހާރު އާންމުކޮށް ކޮންމެ ދުވަހަކު ޕޮސިޓިވްވަމުން ދަނީ ކޮންޓްރޯލް އަދަދެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް