ޓްރަމްޕުގެ މޫނު ޖެހި ޚާއްޞަ ޑޮލަރު ފައިސާ ފޮތި ވިއްކަން ފަށައިފި

އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސޫރަ ޖަހައިގެން ޔޫއެސް މިންޓުން ތައްޔާރުކުރި އެއް ޑޮލަރުގެ ޚާއްޞަ ފައިސާ ފޮތި ރޭ ވިއްކަން ފަށައިފިއެވެ. ރަން ކުލައިގެ ފި...

03 Sep 2026 | 05:39
ޓްރަމްޕްގެ މޫނު ޖެހި ފައިސާ ފޮތި --

ޓްރަމްޕްގެ މޫނު ޖެހި ފައިސާ ފޮތި --

އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސޫރަ ޖަހައިގެން ޔޫއެސް މިންޓުން ތައްޔާރުކުރި އެއް ޑޮލަރުގެ ޚާއްޞަ ފައިސާ ފޮތި ރޭ ވިއްކަން ފަށައިފިއެވެ.

ރަން ކުލައިގެ ފިނިޝެއް ހުންނަ މި ފައިސާ ފޮތީގެ އެއް ފަޅީގައި ޓްރަމްޕުގެ މޫނާއި މަތީގައި "ލިބާޓީ" އަދި ތިރީގައި "1776~2026" ލިޔެފައިވެއެވެ. އަނެއް ފަޅީގައި ހުރީ އެމެރިކާގެ ބޮޑު ސީލެވެ. އެ ސީލުގައި ބާޒެއް އެއް ވަކީގައި ދުނި ތީރުތަކެއް އަދި އަނެއް ވަކީގައި ޒައިތޫނި ގޮފިގަނޑެއް ހިފައިގެން ހުންނައިރު ތުނބުގައި އޮތް ބެނާގައި "އީ ޕްލޫރިބަސް ޔޫނަމް" ޖަހައިފައިވެއެވެ.

މި ޑިޒައިނަށް އެމެރިކާގެ ކޮމިޝަން އޮފް ފައިން އާޓްސް އިން މި އަހަރު ރުހުން ދީފައިވެއެވެ. އެ ކޮމިޝަނުގެ މެންބަރުން ކަނޑައެޅީ ޓްރަމްޕެވެ. ކުރިން ދެއްކި ވާހަކައިގައި ޓްރަމްޕު ބުނީ ފައިސާ ފޮއްޗެއްގައި އޭނާގެ މޫނު ޖެހުމުގެ ޚިޔާލަކީ "ވަރަށް ތަފާތު" ކަމެއް ކަމަށާއި ނަމަވެސް އެކަމާ "ޝަރަފުވެރި" ވާކަމަށެވެ.

ދިރިހުރި ރައީސެއްގެ ސޫރަ އެމެރިކާގެ ފައިސާގައި ޖެހުން ފެޑެރަލް ޤާނޫނުން މަނާކުރާތީ މި ފައިސާ ފޮއްޗަށް ބައެއް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެހެންނަމަވެސް ބައެއް ޙާލަތްތަކުގައި ޚާއްޞަ ފައިސާ ފޮތި ޖެހުމާއި ނެރުމުގެ ބާރު ޓްރެޝަރީ ސެކެޓަރީއަށް ލިބިފައިވެއެވެ.

ޓްރަމްޕުގެ ދެވަނަ ދައުރުގައި މިފަދަ ބައެއް އެހެން ބްރޭންޑިން ފިޔަވަޅުތައް ވެސް އަޅާފައިވާއިރު ކެނެޑީ ސެންޓަރާއި ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސްގައި ޓްރަމްޕުގެ ނަން ޖެހުމުގެ މައްސަލައިގައި ދައުވާތައް ކޯޓުގައި ހިނގަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

25 ފައިސާ ފޮތީގެ ރޯލެއް 61 ޑޮލަރަށް އަދި 100 ފައިސާ ފޮތީގެ ބޭގެއް 154.50 ޑޮލަރަށް ލިބެން ހުރިއިރު ބައެއް ރޯލާއި ބޭގު ތެރޭގައި ޚާއްޞަ ފައިސާ ފޮތި ފޮރުވާފައިވާ ކަމަށް ޔޫއެސް މިންޓުން ބުނެފައިވެއެވެ. އެ ޚާއްޞަ ފޮތީގައި "ޖުލައި 4" ޖަހައިފައި ހުންނާނީ އެއީ މިނިވަންކަމުގެ އިޢުލާނުގެ އަހަރީ ދުވަހު ޖެހި ފޮތި ކަމަށް ވާތީ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކޮންމެ ގެއަކުން މި ވަގުތަށް ގަނެވޭނީ ގިނަ ވެގެން ދެ އޯޑަރެވެ. ޔޫއެސް މިންޓުގެ ވެބްސައިޓުގައި ރޭ ޝާއިޢުކުރި ނޯޓެއްގައި ބުނެފައިވަނީ މި ފޮތި އޯޑަރު ކުރެވޭނެ ކަމަށާއި ނަމަވެސް މިހާރު ސްޓޮކުގައި ނެތް ކަމަށާއި އިތުރު ސްޓޮކް ތައްޔާރުކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް