މީހުން ދިރިއުޅޭ ތަންތަނުގައި ތެޔޮ ރައްކާ ކުރާ ނަމަ ފިޔަވަޅު އަޅާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިސްޓްރީ އޮފް ޑިފެންސްއިން 12 އޮގަސްޓް 2012 ވަނަ އަހަރު ގެޖެޓްކޮށްފައިވާ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާޢިދުގެ ދަށުން ތެލުގެ ޚިދުމަތްދޭ އެއްވެސް ތަނަކުން މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައި ކޮށްދިނުމަކީ މަނާ ކަމެއް ކަމަށެވެ.
މި އެންގުމާ ޚިލާފްވާ ފަރާތްތަކަށް ޤަވާއިދުން ފިޔަވަޅު އަޅާނެ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
މާލޭގައި މި ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.
އެގޮތުން މިދިޔަ އަހަރާއި މިދިޔަ މަހުގެ ފަހުކޮޅުވެސް ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައެވެ.
ހ. ތިލަފުށި ގޭގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއަކީ މިފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި، އެންމެ ބޮޑު އަލިފާނުގެ ހާދިސާއަށްވީ އިރު، އެ ހާދިސާގައި ވަނީ މީހަކު ނިޔާވެފައެވެ. އަދި ގިނާ ޢާއިލާއެއްގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ.
މިދިޔަ އޮގަސްޓް މަހުވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. ހެންވޭރުގައި ހުރި ކެފޭއެއްގައި ހިނގި މި ހާދިސާގައި އެ ކެފޭ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
އެ ހާދިސާ ހިނގި ސަބަބު ހޯދުމަށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް