ކޮމަންވެލްތު މިނިސްޓަރސް މީޓިންގ ގައި ޖެންޑަރ މިނިސްޓަރ ބައިވެރިވެވަޑައިގެންފި

"ވަރޗުއަލް މީޓިންގ އޮފް ކޮމަންވެލްތު މިނިސްޓަރސް ފޮރ ވިމެންސް އެފެއަރޒް އެންޑް ޖެންޑަރ އެންޑް ޑެވެލޮޕްމަންޓް އޮން ކޮވިޑް-19" ގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މިއަދު ބައިވެރިވެވަޑައިގެންފިއެވެ. ...

03 Sep 2020 | 13:03

"ވަރޗުއަލް މީޓިންގ އޮފް ކޮމަންވެލްތު މިނިސްޓަރސް ފޮރ ވިމެންސް އެފެއަރޒް އެންޑް ޖެންޑަރ އެންޑް ޑެވެލޮޕްމަންޓް އޮން ކޮވިޑް-19" ގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގެ މަޤްޞަދަކީ ކޮވިޑް-19ގެ ފުރަބަންދާ ގުޅިގެން ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުން އިތުރުވަމުން ދިއުމާއި، މި ޙައްސާސް ވަގުތުގައި އެކި ފަރާތްތައް ތަޙައްމުލު ކުރަމުންދާ އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތަކުން ކުރަމުންގެންދާ މަސައްކަތްތައް ޙިއްސާކޮށް، ދޭދޭ ޤައުމުތަކުގެ މެދުގައި ޚިޔާލު ބަދަލުކުރުމެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން ކެންޔާ، ބާބަޑޯސް، ސްޕެއިން، ސައުތު އެފްރިކާ، ބަންގްލަދޭޝް، ރުވާންޑާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެމެރޫން، ސީޝެލްސް، ނައިޖީރިއާ، ގްރެނަރޑަރ، ޖެމެއިކާ، ގަޔާނާ، ކެނެޑާ، ބަހާމަސްގެ ހައި ލެވެލް މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19ގެ ފުރަބަންދާ ގުޅިގެން ރިޕޯޓުކުރެވޭ ގެވެށި އަނިޔާއާއި، އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ގޮތުން މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވާހަކަފުޅު ދައްކަވައިފައިވެއެވެ.

މީގެ އިތުރުން ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތައް، ވަކިން ޚާއްޞަ ގޮތެއްގައި އަންހެނުންނަށާއި ކުޑަކުދިންނަށް މި މުއްދަތުގެ ތެރޭގައި ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އިޖުތިމާޢީގޮތުން މުޅި މުޖުތަމަޢަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެކަށައަޅުއްވަމުން ގެންދަވާ ސިޔާސަތުތަކާއި ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ ކަމަނާ އޮޅުންފިލުއްވައިދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް