ގައުމީ އެއާލައިން މޯލްޑިވިއަންއިން އިންޑިއާގެ ޓްރިވެންޑްރަމް އަށް ކުރަމުން އައި ދަތުރުތައް އަލުން ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ޓްރިވެންޑްރަމްއަށް ކުރުން ހުއްޓާލީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ވައިގެ ބޯޑަރު މިއަހަރުގެ މާޗު ފަހުކޮޅު ބަންދު ކުރުމާއި ގުޅިގެންނެވެ. އޭގެ ފަހުން ޓްރިވެންޑްރަމަށް މޯލްޑިވިއަންއިން ކުރަމުން ދިޔައީ ޗާޓާޑް ދަތުރުތަކެވެ.
މޯލްޑިވިއަން އިން ބުނީ އަލުން ޝެޑިއުލް ދަތުރުތައް އެ ސިޓީއަށް ފަށަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންކަމަށެވެ. ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު ދަތުރުތައް އޮންނާނީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ.
އަލުން ދަތުރުތައް ފަށާއިރު މޯލްޑިވިއަންގައި ދަތުރު ކުރެވޭނީ ސައްހަ ވިސާއެއް އޮންނަން މީހުންނަށެވެ. އަދި ފްލައިޓު އޮންނަ ގަޑީގެ 24 ގަޑިއިރު ކުރިން އިމިގްރޭޝަންގެ ޓްރެވެލާ ހެލްތް ޑިކްލަރޭޝަން ފޯމު އޮންލައިންކޮށް ފުރަން ޖެހެ އެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަހު އަލުން ފަށަން ނިންމާފައިވަނީ ހަމައެކަނި މާލެއިން ޓްރިވެންޑްރަމަށް ކުރާ ސީދާ ދަތުރުތައް ކަމަށެވެ. ހަނިމާދޫއިން ޓްރިވެންޑްރަމަށް ކުރާ ސީދާ ދަތުރުތައް ފަށާނެ ދުވަހެއް އަދި ނުނިންމާ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މޯލްޑިވިއަންއިން ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލި އިރު އިންޑިއާގެ ތިން ސިޓީއަކަށް ސީދާ ދަތުރުތައް ކުރެ އެވެ. އެއީ ޓްރިވެންޑްރަމްގެ އިތުރުން ޗެންނާއި އާއި ކޮޗިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް