ސީއެސްސީގެ މެމްބަރުކަމަށް ހަތަރު ބޭފުޅަކު ޢައްޔަން ކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަން ކުރައްވައިފިއެވެ. އެ ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ގދ. ތި...

03 Sep 2020 | 12:32

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަން ކުރައްވައިފިއެވެ.

އެ ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފާއި، ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދާއި، ހ. ޓޫހާރޓްސް، މުޙައްމަދު ފަރުޞަތާއި، މ. ފަލްކަންގެ، މުޙައްމަދު ނާޞިހެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން ޢައްޔަންކުރައްވަން ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ 2020 އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، މި ހަތަރު ބޭފުޅުންވެސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.

އެ މެންބަރުންނަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި ހަތަރު ބޭފުޅުންނާއި ޙަވާލުކުރެއްވިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް