ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެ ކުލަބު ދޫކޮށް ނުދިއުމަށް އެދި މެސީއާއެކު ގިނަ އަހަރުތަކެއް ވަންދެން އެއް ކުލަބަކަށް ކުޅުނު އިވާން ރަކިޓިޗް ނަސޭހަތްތެރި ވެއްޖެއެވެ.
ނިމިގެން ދިޔަ ހަފްތާގައި މެސީ ވަނީ ބާސާ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް ފެކްސްއެއްގެ ޒަރީއާއިން އަންގާފައެވެ.
ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމަވަން އޮތްއިރު، މިހާރު އުސޫލު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ބާސާ އަށް ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދީ އޭނާ ކުލަބާއި އެކު ހަދާފައި އޮތް އެއްބަސްވުން ވަގުތުން އުވާލައި ދިނުމަށް އެދިފައެވެ.
އެކަމާ ގުޅިގެން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ ދާދި ފަހުން މެސީގެ ބައްޕަ ޖޯޖް މެސީ އާއި މެސީގެ އޭޖެންޓާ ވެސް ބައްދަލުކޮށްފައެވެ.
މި ބައްދަލުވުމުގައި ބާސާއިން ވަނީ ކުލަބުން މެސީ ދޫކޮށްލަން ބޭނުންނުވާ ކަން ހާމަކޮށްފައެވެ. އަދި މެސީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރުމަށް އެ ބައްދަލުވުމުގައި ބާޓޮމެއޫ ހުށަހަޅާފައި ވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް މި ބައްދަލުވުމަށްފަހު މެސީގެ ބައްޕަ ޖޯޖް މެސީ ބުނީ މިހާރު އޮތް ހާލަތުން މެސީ ބާސާގައި މަޑުކުރުން ވެގެންދާނީ ވުމަށްވުރެ ނުވުން ކައިރި ކަމެއްގެ ގޮތިގައި ކަމަށެވެ. އަދި އުނދަގޫ ކަމެއް ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ބާސާގައި މަޑުކުރަން ބޭނުން ނޫންކަން ބައްޕަ ގާތު މެސީ ބުނެފައިވާ ކަމަށް މެސީގެ ބައްޕައާއި ހަވާލާދީ ރިޕޯޓުތަކުން ބުނެފައި ވެއެވެ.
މެސީ ބާސާ ދޫކޮށްލުމާ ދެކޮޅަށް އެ ކުލަބުގެ ސަޕޯޓަރުން ވެސް އަންނަނީ ހިންހަމަ ނުޖެހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ.
މެސީގެ މި މައްސަލައާއި ގުޅިގެން ދާދި ފަހުން ބާސާއިން ސެވިއްޔާ އަށް ބަދަލުވި އިވާން ރަކިޓިޗް ބުނީ ބާސާ ދޫކޮށް މެސީ ދިއުމަށް އޭނާ ނޭދޭ ކަމަށާއި، ބާސާ އަކީ މެސީއަށް އޮތް އެންމެ ރަނގަޅު ޗޮއިސް ކަމަށެވެ. އަދި މެސީ ބާސާ ދޫކޮށްލައިފިނަމަ، އެކަން ވެގެންދާނީ މެސީގެ ކެރިއަރަށް އެޅޭ ހުރަހެއް ކަމަށާއި އަދި އޭނާ މެސީއަށް ދޭން އޮތް ނަސޭހަތަކީ ކުލަބު ދޫކޮށް ނުގޮސް މަޑުކުރުން ކަމުގައި ވެސް ރަކިޓިޗް ބުނެފައިވެއެވެ.
" މެސީ ބާސާ ދޫކޮށް ދިއުމަކީ އަހަރެން އެދޭ ގޮތެއް ނޫން. ބާސާ އަކީ މެސީއަށް އޮތް އެންމެ ރަނގަޅު ޗޮއިސް. ކުލަބު ދޫކޮށް ނުދިއުމަށް ނަސޭހަތްތެރިވަން" ރަކިޓިޗް ބުނެފައިވެއެވެ.
އުމުރުން މިހާރު 33 އަހަރުގެ މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ޔޫރަޕްގެ ގިނަ ކުލަބުތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން މެންޗެސްޓާ ސިޓީ އާއި، ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާންގެ އިތުރުން ޔުވެންޓަސް ހިމެނެއެވެ.
މެސީ ބަދަލުވުން އެންމެ ގާތީ ބާސާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ ސިޓީއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބާސާ ދޫކޮށްލަން މެސީ ބޭނުންވެ ކުލަބަށް އެކަން އަންގާފައިވާއިރު، މިމަހު ފެށުމަށް ހަމަޖެހިފައިވާ އައު ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ބާސާގެ ކުޅުންތެރިން ކޮވިޑް-19 އަށް އާދީއްތަ ދުވަހު ޓެސްޓު ކުރިއިރު، މި ޓެސްޓު ހެދުމަށް މެސީ ހާޒިރުވެފައެއް ނުވެއެވެ. އަދި ހޯމަ ދުވަހު އޮތް ކުލަބުގެ ފަރިތަކުރުންތަކުގައިވެސް މެސީ ބައިވެރިވެފައެއް ނުވެއެވެ.
2004 ވަނަ އަހަރު ބާސާގެ ސީނިއަރ ޓީމާއި ގުޅުނު މެސީއަކީ ބާސާގެ ތާރީޚުގައި އެންމެ ގިނަ ރކޯޑްތައް ހަދާ އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ.
މެސީ ބަަސާއަށް މިހާތަނަށް ބާސާއަށް ކުޅެދިން 763 މެޗުގައި 645 ލަނޑު ކާމިޔާބުކޮށްފައެވެ.
އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައެވެ.
މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައެވެ. މިވަގިތު ވެސް ސުނިޔޭގައި ހުރި އެންމެ މޮޅު ކުޅުނަތެރިއަކީ މެސީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް