ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ އައު ސީޒަން ފަށަން ތައްޔާރުވަނީ

ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ އެންމެ ގިނަ ބަޔަކު ބަލާ މެޗުތަކަކީ ޔޫރަޕްގެ ޑޮމެސްޓިކް ލީގުގެ ތަކުގެ ތެރެއިން މަޝްހޫރު ބޮޑު 5 ލީގުގެ މެޗުތަކެވެ. މީގެ އިތުރުން އެ ލީގުތަކުގެ ވަރުގަދަ ކްލަބްތައް ވާދަކުރާ...

03 Sep 2020 | 08:55

ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ އެންމެ ގިނަ ބަޔަކު ބަލާ މެޗުތަކަކީ ޔޫރަޕްގެ ޑޮމެސްޓިކް ލީގުގެ ތަކުގެ ތެރެއިން މަޝްހޫރު ބޮޑު 5 ލީގުގެ މެޗުތަކެވެ. މީގެ އިތުރުން އެ ލީގުތަކުގެ ވަރުގަދަ ކްލަބްތައް ވާދަކުރާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގެވެ.

ކޯވިޑް-19 އާ ގުޅިގެން އައި ބޮޑު މެދުކެނޑުމަށްފަހު ޔޫރަޕްގެ ބޮޑެތި ލީގުތައް އަލުން ފަށާ 2019/20 ގެ ސީޒަން ނިންމާލެވުނީ އެހެންޏާ ނިންމާލާ ވަރަށްވުރެ ދެތިން މަސް ފަހުންނެވެ. އެހެނަސް، ކުޑަކުޑަ ޗުއްޓީއަކަށްފަހު ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ އައު ސީޒަން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ފްރާންސް ލީގުގެ އައު ސީޒަން ފަށައިގެން މިހާރު ކުރިއަށްދާއިރު، ސްޕެނިޝް ލަލީގާ، ޖަރުމަނު ބުންޑަސްލީގާ، އިޓާލިއަން ސިރީ އޭ އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ވެސް މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން މި ބަލައިލަނީ ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ އައު ސީޒަން ފެށުމާ ގުޅޭ ގޮތުން ލިބެންހުރި އެންމެ މުހިންމު، އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތުތަކަށް ކުރުކޮށް ފޮނިކޮށެވެ.

އިނގިރޭސި ޕްރިމިއާ ލީގު:

އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަން ފެށުމަށް މި ވަގުތު ތާވަލު ކޮށްފައިވަނީ 12 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހަށެވެ. ލީގު ހުޅުވާލާ މެޗުގައި ވާދަކުރާނީ އާސެނަލް އާއި ފުލަމް އެވެ. ހަމަ އެ ދުވަހު ލިވަޕޫލް އާއި ލީޑްސް ބައްދަލުކުރާ މެޗު ވެސް އޮންނާނެއެވެ. ޖެހިގެން އަންނަ ދުވަހު ޓޮޓެންހަމް އާއި އެވަޓަން ބައްދަލުކުރާ މެޗު ތާވަލުގައި އޮތްއިރު، ތާވަލުގެ ކުރީކޮޅުގައި ދެން އެންމެ ފާހަގަ ކޮށްލެވޭ މެޗުތަކަކަށް ހުރީ ޗެލްސީ-ބްރައިޓަން (15 ސެޕްޓެމްބަރ)، މެންޗެސްޓާ ޔުނައިޓެޑް-ކްރިސްޓަލް ޕެލަސް (19 ސެޕްޓެމްބަރ) މެޗެވެ. މީގެ އިތުރުން އައު ސީޒަންގައި ލިވަޕޫލް އިން ކުޅޭ އަލަތު މެޗުގައި 20 ވަނަ ދުވަހު ނުކުންނާނީ މި ސީޒަނަށް ގިނަ ކުޅުންތެރިތަކެއް ގަނެ ޓީމު ވަރުގަދަކޮށްފައިވާ ޗެލްސީ އާއެވެ. އެ މެޗަކީ އައު ސީޒަންގެ ކުރީކޮޅުގެ އެންމެ ފޯރިގަދަ އެއް މެޗަށް ވާނެއެވެ.

ސްޕެނިޝް ލީގު:

މެސީގެ ޓްރާންސްފާ ރިކުއެސްޓްގެ ޚަބަރާއެކު ސްޕެއިންގެ ފުޓްބޯޅައިގެ ޚަބަރުތަކުގެ އަޑު ގަދަވެފައިވާއިރު، ސްޕެނިޝް ލަލީގާގެ އައު ސީޒަން ފަށާނީ11 ސެޕްޓެމްބަރ ގައެވެ. އޯގަސްޓް މަހުގައި އޮތް ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި ކުޅެފައިވާ އެތުލެޓިކޯ މެޑްރިޑް، ރެއާލް މެޑްރިޑް، ބާސެލޯނާ އަދި ޔުރޮޕާ ލީގު ކާމިޔާބު ކުރި ސެވިއްޔާގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އެހެންކަމުން އެންމެ ފަހުގެ ޗެމްޕިއަންސް ރެއާލް މެޑްރިޑްގެ އަލަތު މެޗު އޮންނާނީ 20 ސެޕްޓެމްބަރ ގައެވެ. އެ މެޗުގައި ރެއާލް އިން ނުކުންނާނީ ރިއަލް ސޮސެއިޑެޑް އާ ދެކޮޅަށެވެ. އެތުލެޓިކޯ މެޑްރިޑްގެ ފުރަތަމަ މެޗު 27 ސެޕްޓެމްބަރ ގައި އޮތްއިރު، ބާސާ އައު ސީޒަންގެ އަލަތު މެޗު ކުޅޭނީ ވެސް ހަމަ އެ ދުވަހުގައެވެ.

ޖަރުމަނު ލީގު:

ބުންޑަސްލީގާގެ އައު ސީޒަން ފަށާނީ 18 ސެޕްޓެމްބަރ ގައެވެ. ސީޒަން ފަށާ މެޗުގައި ބައްދަލު ކުރަނީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ބަޔާން މިޔުނިކް އާއި ޝަލްކޭ އެވެ. ބަޔާން މިޔުނިކްއާ ވާދަވެރި ޑޯޓްމުންޑްގެ ފުރަތަމަ މެޗު އޮންނާނީ 19 ސެޕްޓެމްބަރގައި ބްރޫޝިއޯ މޮންޗެންގްލަޑްބެޗް އާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ވާދަކުރި ލީޕްޒިގްގެ އަލަތު މެޗު އޮންނާނީ 20 ސެޕްޓެމްބަރ ގައެވެ. އެ ޓީމު ކުޅޭނީ މެއިންޒް އާއެވެ.

އިޓާލިއަން ލީގު:

އިއްޔެ އިއުލާނު ކުރި މުބާރާތުގެ ޝެޑިއުލް ދައްކާގޮތުން އިޓާލިއަން ލީގު ފެށުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރ ގައެވެ. އެ ދުވަހު ފާހަގަ ކޮށްލެވޭ ބޮޑެތި ކްލަބްތަކުގެ ތެރެއިން އިންޓަ މިލާން އާއި ބެނެވެންޓޯ، ނަޕޯލީ އާއި ޕާމާ އަދި ރޯމާ އާއި ހެލަސް ވެރޯނާ ބައްދަލުކުރާ މެޗު އޮންނާނެއެވެ. ޗެމްޕިއަން ޔުވެންޓަސްގެ މެޗެއް އެންމެ ފުރަތަމަ އޮންނާނީ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހުގައެވެ. އެ މެޗުގައި ވާދަކުރާނީ ރޯމާ އާއެވެ.

  • ފްރާންސް ލީގުގެ އައު ސީޒަން ވަނީ ފަށާފައި

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް