މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނަ ވިއްކުމަށް ބާއްވާ ނީލަމުގައި ރަޖިސްޓަރީވުމުގެ ފުރުސަތު އަލުން ހުޅުވައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނީ އދ. މަހިބަދޫގައި އާލާކޮށްފައިވާ ފާނައަށް މީގެ ކުރިން އޮގަސްޓު 16 އިން 19 އަށް ނީލަން ކިޔުމުގެ ފުރުސަތު ހުޅުވާލެވުނު ނަމަވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އަލުން މި ނީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީކަމަށް މިނިސްޓްރީން ބުނިއެވެ.
މިނިސްޓްރީން ބުނީ، ނީލަމަށް ޚާއްސަކުރެވިފައިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ވެބްޕޭޖް މެދުވެރިކޮށް މިކަމަށް ޝައުގުވެރިވާ ކޮންމެ ފަރާތަކަށްވެސް މިހާރު ރަޖިސްޓަރ ކުރެވޭނެ ކަމަށެވެ. މިނިސްޓްރީން ބުނީ މީގެ ކުރިން ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީވާކަށް ނުޖެހޭނެއެވެ.
މިއީ ފާނަ މާކެޓް ސައިޒަށް ބޮޑުކުރުން ތަޖުރިބާކުރުމަށް ހިންގަމުންދާ ހަރަކާތުގެ ތެރެއިން އދ. މަހިބަދޫން ހޮވާލެވުނު 7 ގޭބިސީއަކުން ބޮޑުކޮށްފައިވާ ފާނައެވެ. ވިއްކާލުމަށް ހަމަޖެހިފައިވަނީ ބަރުދަނުގައި 450 ގްރާމަށްވުރެ ބޮޑުވެފައިވާ ފާނައެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ނީލަން ކުރިއަށް ދާނެ ދުވަހެއް އެ މިނިސްޓްރީން ފަހުން އިއުލާން ކުރާނެކަމަށެވެ.
ކަސް ފާނަ އާލާކުރާ މަޝްރޫ މިހާރު ހިންގަނީ އދ. އަތޮޅު ކައުންސިލާއި، އެއަތޮޅު މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީ ގުޅިގެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް