ޔޫއެފާ ނޭޝަންސް ލީގުގައި މިމަހު ކްރޮއޭޝިއާ އާއި ސްވިޑެންއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުތަކުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިގެން ދާނެ ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް ބުނެފި އެވެ.
އެންމެ ފަހުން ޕޯޗުގަލް ޗެމްޕިއަންކަން ހޯދި ނޭޝަންސް ލީގު މުބާރާތުގެ ފުރަތަމަ ކޮލިފައިން ސްޓޭޖުގެ މެޗުތަކުގައި ރޮނާލްޑޯ ކުޅެފައި ނުވާއިރު، އޭނާ ފެނިގެން ދިޔައީ އެ މުބާރާތުގެ ފައިނަލް ރައުންޑު ސްޓޭޖުގެ މެޗުތަކުންނެވެ.
މިވަގުތު ރަނގަލު ފޯމެއްގައި ހުރި ރޮނާލްޑޯއާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސަންތޯސް ބުނީ ގައުމީ ޓީމަށް ރޮނާލްޑޯ އަބަދުވެސް ލޯބިކުރާ ކަމަށާއި އެންމެ ފުރަތަމަ ބޭއްވުނު މުބާރާތުގެ ކޮލިފައިންގައި އޭނާ ނުކުޅުނު ނަމަވެސް މި ފަހަރުގެ މުބާރާތުގައި ރޮނާލްޑޯ ފެނިގެން ދާނެ ކަމަށެވެ. އަދި މި މެޗުތަކުގައި ކުޅުމަށް ޕޯޗުގަލްގެ ގައުމީޓީމާއި އެކު ރޮނާލްޑޯ ފަރިތަކުރުން ތަކުގައިވެސް ބައިވެރި ވަމުން އަންނަ ކަމަށް ސަންތޯސް ބުންޏެވެ.
" އަހަރެމެންގެ ޓީމު ކުޅެން ޖެހޭ ފުރަތަމަ ދެ މެޗަކީ ކްރޮއޭޝިއާ އަދި ސްވިޑެންއާއި އެކު ކުޅެން ޖެހޭ މެޗު، މި ދެމެޗުގައި ވެސް ރޮނާލްޑޯ ފެނިގެން ދާނެ. އޭނާ ވަނީ ގައުމީޓީމުގެ ޕްރެކްޓިސް ތަކުގައިވެސް ބައިވެރިވާން ފަށާފަ" ކޯޗް ސަންތޯސް ބުންޏެވެ.
ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ޔޫރޯ ކޮލިފައިންއާ ގުޅުވައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ކޮލިފައިން ބުރު މިރޭ ފަށާއިރު، ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ ފަސް ވަނަ ދުވަހުގެރޭ ޕޯޗުގަލް ނުކުންނާނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.
ޔޫއެފާއިން ކުރިޔަށް ގެންދާ މި ނޭޝަންސް ލީގައް ބަލާއިރު، މިއީ މި ލީގުގެ ދެވަނަ މުބާރާތެވެ. މި މުބާރާތް ކުޅޭނީ ޔޫއެފާގެ މެމްބަރު 55 ގައުމު ވަނީ ރޭންކިން އަށް ބެލުމަށްފަހު 4 ލީގަކަށް ބަހާލައިގެންނެވެ. ލީގު-އޭ އަދި ލީގު-ބީ، އަދި ލީގު-ސީ ކޮންމެ ލީގެއްގައި 16 ޓީމު ހިމެނޭއިރު، ލީގު-ޑީ ގައި 7 ޓީމު ހިމެނެއެވެ. ކޮންމެ ލީގެއްވެސް ކުޅެވިގެން ދާނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ.
މި މުބާރާތް މިރޭ ފެށޭއިރު، ޕޯޗުގަލް ހިމެނެނީ ލީގު އޭ ގެ ގްރޫޕް ތިނެއްގައެވެ. އެ ގްރޫޕުގައި ޕޯޗުގަލްގެ އިތުރުން ދެން ހިމެނެނީ ފްރާންސް، ސްވިޑެން، ކްރޮއޭޝިއާ އެވެ.
އެންމެ ފަހުން ބޭއްވުނު ނޭޝަންސް ލީގު މުބާރާތް ކާމިޔާބު ކުރީ ޕޯޗުގަލް އިންނެވެ. ކޮލިފައިން ބުރުން ރަނގަޅު ނަތީޖާއެއް ހޯދާ ޕޯޗުގަލް ހިމެނުނު ގްރޫޕުން އެޓީމު ފައިނަލް ބުރަށް ހޮވުނީ ޕޯޗުގަލް ހިމެނުނު ގްރޫގައި އޮތް އިޓަލީއާ ޕޮލެންޑްގެ މައްޗަށް ކުރި ހޯދައި އަށް ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނަ ކަށަވަރުކޮށްގެންނެވެ. ނިމިގެން ދިޔަ ނޭޝަންސް ލީގުގެ ތަށި ޕޯޗުގަލް އިން އުފުލާލީ ފައިނަލް ގައި ނެދަލޭންޑް ބަލިކުރުމަށް ފަހުގައެވެ.
މިއީ ޕޯޗުގަލާ އެކު 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ އަށް ގައުމީ ޓީމާ އެކު ކާމިޔާބު ކުރި ދެވަނަ ތަށްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް