ޓޫރިސްޓުންނަށް ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓުކުރުމުގައި ދިމާވި މައްސަލަ ހައްލު ކޮށްފި

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރާ ޓޫރިސްޓުން ކޯވިޑް-19 އަށް ނެގެޓިވްކަން އަންގައިދިނުމަށް ހަދާ ޕީސީއާރު ޓެސްޓު ހެދުމުގައި ދިމާވި މައްސަލަ ހައްލުކޮށްފި އެވެ. ޖުލައި 15 ގައި ރާއްޖޭގެ ވައިގެ ބޯޑު...

03 Sep 2020 | 04:19

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރާ ޓޫރިސްޓުން ކޯވިޑް-19 އަށް ނެގެޓިވްކަން އަންގައިދިނުމަށް ހަދާ ޕީސީއާރު ޓެސްޓު ހެދުމުގައި ދިމާވި މައްސަލަ ހައްލުކޮށްފި އެވެ.

ޖުލައި 15 ގައި ރާއްޖޭގެ ވައިގެ ބޯޑުަރު ހުޅުވުމުން ޓޫރިސްޓުން އަންނަމުންދާއިރު އެމީހުން އެނބުރި ގައުމަށް ދާން ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓު ހެދުން އޮތީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައި އެވެ. އެ މަސައްކަތް ހަވާލު ކުރެވިފައި އޮތީ އަމިއްލަ ހޮސްޕިޓަލްތަކާއި އެވެ.

އެކަމަކު އަމިއްލަ ހޮސްޕިޓަލްތަކަށް އެކަން ނުވެ ޓޫރިޒަމް ދާއިރާގެ ޝަކުވާތައް ފުނިޖެހުމުން އެޗްއީއޯސީން ވަނީ އެ މައްސަލައަށް ހައްލު ގެނެސް އެ ސެންޓަރުގެ އެހީތެރިކަމާއި އެކު ޓޫރިސްޓުން ކޯވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޓޫރިސްޓުން ރާއްޖެއިން ފުރުމުގެ 48 ގަޑިއިރު ކުރިން ޕީސީއާރު ޓެސްޓު ހަދަން ހުށަަޅައިފި ނަމަ ފްލައިޓު އޮންނަ ގަޑީގެ ކުރިން ނަތީޖާ ލިބުމުގެ އިންތިޒާމް ހަމަޖެހި އެގޮތަށް އަމަލު ކުރެވެމުންދާ ކަމަށެވެ. މި އުސޫލަކީ ރާއްޖެއިން ފުރާ ކޮންމެ މީހަކަށްވެސް މިހާރު ހަމަޖެހިފައިވާ އުސޫލެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން ފުރާ މީހުންނަށް ޕީސީއާރު ޓެސްޓު ހެދުމަށް ރާއްޖޭގެ ފަސް ހޮސްޕިޓަލެއް ވަނީ ކަނޑައަޅާފައި އެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗު. އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީ ޓޮޕް ހޮސްޕިޓަލެވެ.

މި ތަންތަނުން ޕީސީއާރު ޓެސްޓެއް ހަދައިދޭ އަގު އުޅެނީ 1،500 އާއި 2،000 ރުފިޔާ އާއި ދެމެދު އެވެ. ރާއްޖެއިން ފުރާ މީހުން އަމިއްލަ ބޭނުމަށް ޕީސީއާރު ޓެސްޓު ހެދުމަށް ފީ ދައްކަން ޖެހުނަސް ރެންޑަމް ސާމްޕަލާއި ފްލޫ ކްލިނިކްތަކަށް ދައްކާ ބަލި މީހުން އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކޯވިޑަށް ޓެސްޓު ކުރާ މީހުން ފީއެއް ދައްކާކަށް ނުޖެހެ އެވެ.

ރާއްޖެއިން މިހާތަނަށް 8،140 މީހުން ކޯވިޑަށް ޕޮސިޓިވް ވެފައިވާއިރު އޭގެ ތެރޭގައި 16 ޓޫރިސްޓަކު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް