ބޮޑެތި ޝަރުތަކަކެއް ކުރުމަށް ފަހު ޕާތް ކަސައުޓީގެ ޓީމްގައި މަޑު ކުރަނީ

ކަސައުޓީ ޒިންދަކީ ކީ ގެ ލީޑް އެކްޓަރުގެ ރޯލުން ފެނިގެންދާ ޕާތް ސަމްތާން އެންމެ ފަހުން ޝޯއިން ވަކިވުމުގެ ހިޔާލު ދޫކޮށްލައިފި އެވެ. ޕާތް ކަސައުޓީގައި ކުޅެމުން އައި ރޯލު ދޫކޮށްލަން ނިންމައި އެ ސިލްސިލާގެ...

03 Sep 2020 | 04:00

ކަސައުޓީ ޒިންދަކީ ކީ ގެ ލީޑް އެކްޓަރުގެ ރޯލުން ފެނިގެންދާ ޕާތް ސަމްތާން އެންމެ ފަހުން ޝޯއިން ވަކިވުމުގެ ހިޔާލު ދޫކޮށްލައިފި އެވެ.

ޕާތް ކަސައުޓީގައި ކުޅެމުން އައި ރޯލު ދޫކޮށްލަން ނިންމައި އެ ސިލްސިލާގެ ޕްރޮޑަކްޝަން ޓީމަށް އޮތީ ނޯޓިސް ފޮނުވާފައި އެވެ. އަދި މިމަހުގެ 10 ވަނަ ދުވަހަކީ އޭނާ ޝޫޓިން ތަކުގައި ބައިވެރިވާނެ ފަހު ދުވަސް ކަމަށާއި ޝޯއިން ވަކި ވަކީ ސިއްހީ އަދި އަމިއްލަ ސަބަބުތަކަކާއި ހެދި ކަމަށް ބުނެފައިވެ އެވެ.

ޕާތް ޝޯ ދޫކޮށްލަން ނިންމި ނިންމުމާއި މެދު އަލުން ވިސްނައި ޝޯގައި މަޑު ކުރޭތޯ ކަސައުޓީގެ ޓީމުން ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމަުންނެވެ. އެންމެ ފަހުން ޕާތް އެގޮތަށް އެއްބަސްވެފައިވާއިރު ބޮޑެތި ޝަރުތުތަކެއް ވަނީ ކަނޑައަޅާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކަސައުޓީ ދޫކޮށްލަން ޕާތް ނިންމި އެންމެ ބޮޑު ސަބަބަކީ ޝޯގައި އޭނާ ކުޅެމުންދާ އަނޫރާގްގެ ރޯލުގެ މުހިންމުކަން ދެއްކުން ކުޑަވުމެކެވެ. އެހެންވެ އެހެންވެ ޕާތް އެދޭ ގޮތަށް ހެދުމަށް ޝޯއަށް ބަދަލެއް ގެނެސް އަނޫރާގް އާއި ޕްރޭނާ އަދި އެމީހުންގެ ދަރިފުޅަށް ގުޅުމަށް އިސްކަން ދިިނުމަށް ވަނީ އެއްބަސްވެފައި އެވެ.

ޕާތްގެ ޑިމާންޑާއި އެއްގޮތަށް މިހާރު ދެމުން އަންނަ މުސާރަ ބޮޑު ކޮށްދިނުމަށްވެސް ޓީމުން އެއްބަސްވެފައިވެ އެވެ. އަނޫރާގް އާއި ޕްރޭނާގެ ގުޅުމަށް އިސްކަން ދިން ނިންމަވެސް މިސްޓާ ބަޖާޖް އާއި ކޮމޯލިކާގެ ރޯލަށްވެސް ހަމަ އެއްވަރަށް މުހިންމުކަން ދޭނެ ކަމަށްވެ އެވެ.

ސްޓާ ޕްލަސްއިން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާތަކުގެ ތެރެއިން ކަސައުޓީގެ ދެ ވަނަ ސީޒަންއަށް އުންމީދު ކުރިވަރުގެ ތަރުހީބެއް ލިބެމުން ނުދިއުމަކީ ޕްރޮޑަކްޝަން ޓީމުން ކަންބޮޑުވާ ކަމެކެވެ. ހާއްސަކޮށް މުހިންމު ރޯލުތައް ކުޅޭ މީހުން އަވަސް އަވަހަށް ބަދަލު ކުރަން ޖެހުމުން ބެލުންތެރިންގެ ފާޑު ކިޔުން އަމާޒުވެ އެވެ.

މީގެ އިތުރުން ޝޯގެ ތަރުހީބު ކުޑަވެ ޕާތް ފަދަ ތަރިން ޝޯ އާއި ވަކިވަމުންދާތީ ނޮވެމްބަރު މަހު ކަސައުޓީ ދެއްކުން ހުއްޓާލަން ނިންމާފައިވާކަމަށް ބުނާ ރިޕޯޓުތަކެއްވެސް ދައުރުވި އެވެ. އެކަމަކު އެހަބަރުތައް ފަހުން ނޫސްތަކުގައި ވަނީ ދޮގުކޮށްފައި އެވެ.

ކުރީގެ މަޝްހޫރު ޑްރާމާ ސިލްސިލާތަކުގެ ދެ ވަނަ ސީޒަން ތައް ފަށަމުންދާއިރު ސްޓާ ޕްލަސްއިން ދެއްކި މަޝްހޫރު ސިލްސިލާ ސާތް ނިބާނާ ސާތިއާގެ ދެވަނަ ސީޒަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ސްޓާ ޕްލަސްއިންް އިޝްތިހާރު ދައްކާގޮތުގައި އެ ސިލްސިލާ ދައްކާނީ މިޙާރު ކަސައުޓީ ދައްކާ ގަޑީގައި އެވެ. އަދި ކަސައުޓީ ދައްކާ ގަޑި ވަނީ ބައިގަޑިއިރު އަވަސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް