ކޮންމެ ކަމެއްގައި ވެސް އިސްލާމް ދީނުގެ ރިވެތި އުސޫލުތަކެއް ކަނޑައެޅިފައި އޮންނަ އިރު، ކެއުމަކީވެސް އެކަމަށް ވަކި އުސޫލުތަކަކާއި ރިވެތި އަދަބުތަކެއް ކަނޑައެޅިފައި އޮންނަ ކަމެކެވެ.
އެގޮތުން ތިރީގައި މިވަނީ ރަސޫލް (ޞޢވ) ގެ ސުންނަތާއި އެއްގޮތަކަށް ކެއުމާއި ބުއިމުގެ ކަންކަން ބެހެއްޓުމަށްޓަކައި އަމަލުކުރަންވީ ގޮތްތަކުގެ ތެރެއިން އެއް ކަމެވެ. އެއީ ބިންމައްޗަށް ވެއްޓޭ ކާއެތިކޮޅު ނަގާ ފޮޅާލާފައި ކެއުމެވެ.
އަޅުގަނޑުމެންގެ ދިވެހިންގެ އާދަކާދަ ހުންނަގޮތުން ކޮންމެ ބާވަތެއްގެ ކޮންމެ އެއްޗެއް ކެއަސް ބިންމައްޗަށް އެ އެއްޗެއް ވެއްޓިއްޖެ ނަމަ އެ އެއްޗެއް ނަގާ އެ ކެއުމަކީ ހުތުރު ކަމެކެވެ. އަދި އެ އީ ކޮންމެ ހެންވެސް ކުނި ވަށިގަނޑަށް ލާން ޖެހޭ އެއްޗެއް ކަމުގައި އޮންނަނީ ވެފައެވެ.
އަޅުގަނޑުމްނެނަށް މިހެން ހީވެފައި އޮތްނަމަވެސް މިއީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. މިއީ ކެއުމުގެ އަދަބުތަކާއި ޙިލާފުވުމެވެ. ކީރިތި ރަސޫލާގެ ބަސްފުޅަކުން ވަރަށް ސާފު ކޮށް މިކަން އެނގެން އެބައޮތެވެ. އެގޮތުން ކާއެއްޗެއް ބިންމައްޗަށް ވެއްޓިއްޖެ ނަމަ އެ އެއްޗެއް ވެލި ފޮޅާލާފަ ނަމަވެސް ކެއުމަކީ ކުރުން އެންމެ ރަނގަޅު ކަމެކެވެ.
ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްކުރައްވާފައި ވާ ބަސްފުޅެއްގައި ވެއެވެ.
أنَس ابن مالك أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَكَلَ طَعَامًا لَعِقَ أَصَابِعَهُ الثَّلَاثَ قَالَ وَقَالَ إِذَا سَقَطَتْ لُقْمَةُ أَحَدِكُمْ فَلْيُمِطْ عَنْهَا الْأَذَى وَلْيَأْكُلْهَا وَلَا يَدَعْهَا لِلشَّيْطَانِ وَأَمَرَنَا أَنْ نَسْلُتَ الْقَصْعَةَ قَالَ : ” فَإِنَّكُمْ لا تَدْرُونَ فِي أَيِّ طَعَامِكُمْ الْبَرَكَةُ ” رواه مسلم ( 2034 ) .އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޭންބައްލަވައިފިއްޔާ އެކަލޭގެފާނުގެ ތިން އިނގިލި ފުޅު ބޯލައްވައެވެ. އަދި ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ކުރެ މީހަކު ކާންއިންދާ ކާން އިން އެތި ވެއްޓުނު ނަމަ އޭގައި އުނގުޅުނު އެއްޗެއް ފުހެލާފައި އެ ކާލާށެވެ. އެ ޝައިޠާނާއަށް ދޫކޮށްނުލާށެވެ. އަދި އަހަރެމެންނަށް ކާތަކެތި އަޅާ ދޮލަނގު ރަނގަޅަށް ސާފުކުރުމަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. ކާތަކެތީގެ ތެރެއިން ބަރަކާތް ވަނީ ކޮން އެތިކޮޅެއްގައި ކަމެއް ތިޔަބައިމީހުންނަކަށް ނޭނގޭނެއެވެ.
ކަން މިހެން އޮތްއިރު، މިފަދަ ކަންކަމަކީ އަޅުގަނޑުމެން މުސްލިމުން ދުރުހެލިވާން ޖެހޭ ކަންކަމެވެ. ކައިބޮއެ ހަދަންވާނީ އިސްލާމްދީނުގައި ކަނޑައެޅިފައި އޮން ރިވެތިއުސޫލުތަކާއި އެއްގޮތަށް ކެއުމުގެ އަދަބުތަކާއި ޚިލާފު ނުވާގޮތުގެ މަތިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް