އިގްތިސާދަށް އުންމީދެއް: ފެންވަރު ރަނގަޅު ޕީވީސީ ޕްރެޝަރ ހޮޅި، އެމްޑަބްލިޔުއެސްސީން އުފައްދަން ފަށައިފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އުފެދުނުތާ މިހާރު 25 އަހަރު ވެފައިވާއިރު ކުންފުނިން ވަނީ ދިވެހި މުޖްތަމައުގެ ސިއްހީ ރައްކާތެރިކަމަށް ބޮޑު ހިއްސާއެއްކޮށް، ރ...

03 Aug 2020 | 14:26

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އުފެދުނުތާ މިހާރު 25 އަހަރު ވެފައިވާއިރު ކުންފުނިން ވަނީ ދިވެހި މުޖްތަމައުގެ ސިއްހީ ރައްކާތެރިކަމަށް ބޮޑު ހިއްސާއެއްކޮށް، ރައްޔިތުންނަށް ގިނަ ގުނަ ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އަދި މިހާރުވެސް ފޯރުކޮށްދެމުންނެވެ.

ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، މިއަދު އެމްޑަބްލިޔުއެސްސީއަކީ އުފެއްދުންތެރިކަމުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. މިގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ 2015 ވަނަ އަހަރު ކ. ގުޅީފަޅުގައި މި ކުންފުނިން ގާއިމްކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާއެވެ. މި ކާރުހާނާއިން ހޮޅި އުފައްދަނީ ޖަރުމަނުގެ "ކުރައުސް މަފެއި" ބްރޭންޑްގެ ޒަމާނީ ފެނވަރުގެ މެޝިނަރީ އާއި އަދި ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ވާވިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން، އީ.އެން އަދި އައިއޯއެސް ސްޓޭންޑަރޑް އަށް ފެތޭ ގޮތަށެވެ. އަދި ހޮޅީގެ ކޮލިޓީ ޓެސްޓް ކުރެވޭނެ ލެބޯޓްރީއެއްވެސް މި ކާރުހާނާގައި ވަނީ ގާއިމްކުރެވިފައެވެ. މި ކާރުހާނާ އަކީ އައިއެސްއޯ 9001: 2015 ސެޓިފައި ކުރެވިފައިވާ ކާރުހާނާއެކެވެ. އެމްޑަބްލިޔުއެސްސީގެ މި ކާރުޚާނާއިން އުފައްދާ ތަފާތު އެކި ސައިޒުތަކުގެ ހޮޅި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތަކާއި މަގު ހެދުމާއި ސްޓޯމް ވޯޓަރ އަދި ވާރޭފެން ރައްކާކުރުންފަދަ ތަފާތު އެކި އެކި މަޝްރޫއުތަކުގައި ބޭނުންކުރަމުންދާތާ މިހާރު ވަނީ ފަސް އަހަރު ވެފައެވެ.

ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި އުފެއްދުމުގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުހާނާއިން މިހާރުވަނީ ފެން ވަޔަރ ކުރުމަށް ބޭނުންވާ ޕީ.ވީ.ސީ ޕްރެޝަރ ހޮޅި އުފައްދައި މާކެޓަށް ނެރެން ތައްޔާރުވެފައެވެ. ހޮޅި އުފެއްދުމުގެ ފަސް އަހަރުގެ ތަޖުރިބާއާއެކު، ދިވެހި މާކެޓަށް އަދި ގެދޮރު އިމާރާތް ކުރުމުގެ ސިނާއަތަށް އަމާޒުކޮށް އެމްޑަބްލިޔުއެސްސީ އިން ތައާރަފްކުރާ ޕީވީސީ ޕްރެޝަރު ހޮޅިއަކީ ރާއްޖޭގެ މާރުކޭޓުގައި އެންމެ އާން އަދި އެންމެ މަގްބޫލު ތައިލޭންޑް ސްޓޭންޑަރޑް ކަމުގައިވާ "ތައި ސްޓޭންޑަރޑް" އަށް ފެތޭގޮތަށް ތައްޔާރުކުރާ ފެންވަރު ރަނގަޅު ހޮޅިއެކެވެ. މިގޮތުން މި ކާރުހާނާއިން، ފެން ވަޔަރު ކުރުމަށް ބޭނުންކުރާ ޕްރެޝަރ ކްލާސް 8.5 އާއި 13.5ގެ ބައި އިންޗިއާއި ހަ އިންޗި ޑައިމީޓަރ އާއި ދެމެދުގެ ސައިޒްތަކުގެ ހޮޅި އުފައްދާނެއެވެ. އެމްޑަބްލިޔުއެސްސީގެ މި އުފެއްދުމާއިއެކު، ފެންވަޔަރު ކުރުމަށް ބޭނުންކުރާ ހޮޅި ހޯދުމުގައި، ގެދޮރު އިމާރާތް ކުރުމުގެ ސިނާއަތަށާއި އަދި ހާޑުވެއަރ ފިހާރަތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިގޮތުން ބޭރުން ހޮޅި ގެނައުމުގެ ބަދަލުގައި ރާއްޖޭގެ އަމިއްލަ އުފެއްދުމެއް، ރާއްޖޭގެ މާކެޓުން ހޯލްސޭލްކޮށް ލިބެްނ ހުރުމާއި، އަދި މިކަމުގެ ސަބަބުން ސްޓޯރޭޖާއި ވެއާރ ހައުސިންގެ ހަރަދުތައް ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ދެކެއެވެ. އަދި ހަމަ އެހެންމެ މި އުފެއްދުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް ހެޔޮ އަސަރުކުރާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ދެކެއެވެ.

ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް އެމްޑަބްލިޔުއެސްސީ އިން އުފައްދާ އަންޕްލާސްޓިސައިޑް ޕޮލިވިނީލް ކުލޮރައިޑް (ޔޫޕީވީސީ) ހޮޅިއާއި، އަދި ހައި-ޑެންސިޓީ ޕޮލެޔެތެލީން (އެޗްޑީޕީއީ) ޕްރެޝަރ ހޮޅިއަކީ ޔޫރަޕްގެ ސްޓޭންޑަރޑް ކަމުގައިވާ "އީ.އެން" އާއި އަދި އައިއެސްއޯ ސްޓޭންޑަރޑް އަށް ފެތޭހެން އުފައްދާ ހޮޅިއެކެވެ. ނަރުދަމާ ނިޒާމުގެ މަސައްކަތަށް ބޭނުންކުރުމަށް ތިން އިންޗިއާއި ހަ އިންޗި ޑައިމީޓަރ އާއި ދެމެދުގެ ހޮޅި މި ކާރުހާނާއިން އުފައްދާއިރު ފެނުގެ ނިޒާމުގެ މަސައްކަތް ކުރުމަށްޓަކައި އެއް އިންޗިއާއި 10 އިންޗީގެ ޑައިމީޓަރ އާއި ދެމެދުގެ ސައިޒްތަކުގެ ހޮޅި އުފައްދައެވެ. އެމްޑަބްލިޔުއެސްސީގެ މި ކާރުހާނާ އުފެދިގެން އައި ފުރަތަމަ ދުވަހުން ފެށިގެންވެސް މި ކާރުހާނާ ހިންގާ ބަލަހައްޓަމުން އަންނަނީ 100% ދިވެހި މުވައްޒަފުން ކަމަށްވުމީ އެ ކުންފުނިން އުފަލާއި އެކު ފާހަގަކުރާ ކަމެއް ކަމަށާއި އަދި ހަމަ އެހެންމެ މި ކާރުހާނާގެ މަތީ ފަންތީގެ ފަންނީ މުވައްޒަފުންނަކީ މުޅިންވެސް ދިވެހިންކަމަށްވެފައި އަދި ކާރުހާނާގެ މަސައްކަތްތައްވެސް މިއަދު ފުޅާވެގެން ގޮސްފައިވާކަމީ އެ ކުންފުނިން ފަހުރުވެރިވާކަމެއް ކަމުގައި އެމްޑަބްލިޔުއެސްސީން ބުނެެއެވެ.

އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއްވާގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިވާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީކޮށް ކުރިއަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމައަށް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް