އަލުން ބޯޑު ހުޅުވި ފަހުން ޖުލައި މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކުރީ 1،769 ޓޫރިސްޓުން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުން ދައްކައިފި އެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް 1،769 ޓޫރިސްޓުން އައިސްފައިވާއިރު އެންމެ ގިނައިން ރާއްޖެ އައީ އިނގިރޭސިވިލާތުގެ ޓޫރިސްޓުންނެވެ. އެއީ 258 ޓޫޜިސްޓުންނެވެ.
100 އަށްވިރެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ހަތަރު ގައުމަކުންނެވެ. އެއީ އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ އާއި ޔޫއޭއީ އަދި ޖަރުމަނުވިލާތުންނެވެ.
އެމެރިކާއިން 189 ޓޫރިސްޓުން އައި އިރު ޔޫއޭއީން އައިސްފައިވަނީ 143 މީހުންނެވެ. އަދި ޖަރުމަނުވިލާތުން 135 ޓޫރިސްޓުންނެވެ.
ރާއްޖެއަށް ޓޫރިސްޓުން އައި އިތުރު ގައުމުތަކުގެ ތެރޭގައި ސްޕެއިން، ރަޝިއާ، ފިލިޕިންސް، ސްވިސަލޭންޑް އަދި އިޓަލީ ހިމެނެ އެވެ.
ބޯޑަރު އަލުން ހުޅުވާލި ނަމަވެސް، ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވަނީ ރިސޯޓުތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ހޮޓާ ފަދަ ތަންތަނަށް އެކަންޏެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓު ހައުސްތަކަށް މި މަހު ހުއްދަ ދިނުމަށް ނިންމުމަށްފަހު ކޯވިޑް ފެތުރުން އިތުރުވެފައިވާތީ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުން ވަނީ އަންނަ މަހަށް ފަސްކޮށްފައި އެވެ.
ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ކޯވިޑްގެ އަލާމާތެއް ނެތް ނަމަ ރިސޯޓަށް ދިއުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު އަލާމާތެއް ހުރި ނަމަ ސަރުކާރުގެ އައިސޮލޭޝަން ފެސިލިޓީއެއްގައި މަޑުކޮށް ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބުމުން ނޫނީ ރިސޯޓަކަށް ނުދެވެ އެވެ.
މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ އެންމެ މީހެކެވެ އެމެރިކާގެ އެމީހާ ޕޮސިޓިވްކަން އެނގުނީ ރިސޯޓަށް ދިޔަފަހުންނެވެ. އެމީހާގެ ފަރާތުން އަލާމާތެއް ނުފެންނަ ކަމަށްވެ އެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގެ ވައިގެ ބޯޑަރު ބަންދު ކުރިތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން އަލުން ބޯޑަރު ހުޅުވީ ޖުލައި 15 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް