ކޯވިޑް-19 އަށް ޕޮސިޓިވްވި ދިވެހިންގެ އަދަދު 2،000 އިން މައްޗަށް އަރައިފި އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 4،164 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 2،085 މީހުންނަކީ ދިވެހިންނެވެ.
ޕޮސިޓިވްވެފައިވާ ބިދޭސީންގެ އަދަދަކީ 2،079 އެވެ. އޭގެ ތެރެއިން 1،665 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ދެން އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ އިންޑިއާ މީހުންނާއި ނޭޕާލް މީހުންނެވެ.
ކޯވިޑަށް ޕޮސިޓިވްވި ދިވެހިންގެ ތެރެއިން 99 ޕަސެންޓު މީހުން ޕޮސިޓިވްވެފައިވަނީ މާލެއިންނެވެ. އަދި ކޯވިޑަށް ޕޮސިޓިވްވި ދިވެހިންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފަށާފައިވަނީ މިދިޔަ މަހު އެވެ.
ކޯވިޑަށް ޕޮސިޓިވްވެފައިވާ ދިވެހިންގެ އަދަދު އިތުރުވަމުންދާއިރު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނި ގޮތުގައި ޕޮސިޓިވްވާ ދިވެހިންގެ އަދަދު ގިނަވާނަމަ މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވާނެ އެވެ. އެއީ ރާއްޖެއިން ޕޮސިޓިވްވާ ގިނަ ދިވެހިންނަކީ ޒުވާން އުމުރުފުރާގެ މީހުންނަށް ވިޔަސް އެމީހުންގެ ފަރާތުން ބަލި ޖެހޭ މީހުންނަކީ މި ބަލީގައި ނުރައްކާތެރި ހާލަތަކަށް ދާނެ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވާތީ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިގެން 18 މީހުން މަރުވެފައިވާއިރު 13 މީހުންނަކީ ދިވެހިންނެވެ. އަނެއް ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އަނެއް މީހާ އަކީ ފިލިޕިންސް މީހެކެވެ.
މަރުވި ދިވެހިންގެ ތެރޭގައި ހިމެނޭ އުމުރުން 52 އަހަރުގެ މީހާއަކީ ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭ ބައްޔެއް ހުރި މީހެކެވެ. އަނެއް 12 މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 2،643 މީހުންނެވެ. ބައްޔަށް 1،489 މީހަކަށް ފަރުވާ ދެމުންދާއިރު 84 މީހުންނަށް ފަރުވާ ދެމުންދަނީ އެކި ފެސިލިޓީތަކުގައި އެޑްމިޓް ކޮށްގެންނެވެ.
ކޯވިޑް-19 ފެތުރުމުގައި ސިއްހީ މާހިރުންނާއި ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުން އިތުރުވުމެވެ. އެއީ މި ބައްޔަކީ އަދި ފަރުވާއެއް ހޯދިފައިވާ ބައްޔަކަށް ނުވާތީ އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުން އިތުރުވާނަމަ ބަލީގައި ނުރައްކާތެރި ހާލަތަށް ދާ މީހުން އިތުރުވެ މަރުވާ ރޭޓް އިތުރުވާނެ ތީ އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ލަފާ ކުރާގޮތުގައި ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމުން ކުއްލިއަކަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މި އަދަދުތައް ތިރިވާނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރު މަހު އެވެ. މިހާރު އާންމުކޮށް ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވް ވެ އެވެ.
އެ ސެންޓަރުން ދަނީ އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލު ކުރުމަށް އާދޭހާއި އެކު އެދެމުންނެވެ. މާސްކު އަޅައި، ގައިދުރު ކަމުގައި އުޅުމަށް އިލްތިމާސ ްކުރުމުގ އިތުރުން ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދިއުމަށް ދަނީ އެދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް