ޔަމަނުގެ ޔާސިރަކީ އަލްގައިދާ ޖަމާއަތުގެ މީހެއް: ދިވެހި ސަރުކާރު

ޓެރަރިޒަމާއި ގުޅުން ހުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނަތާ ތިން އަހަރުވީ ފަހުން އިއްޔެ އައިޖީއެމްއެޗުގައި މަރުވި ޔަމަންގެ ޔާސިރް ޔަހުޔާ ސާލިހު މުތީއު އަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އ...

03 Aug 2020 | 05:20

ޓެރަރިޒަމާއި ގުޅުން ހުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނަތާ ތިން އަހަރުވީ ފަހުން އިއްޔެ އައިޖީއެމްއެޗުގައި މަރުވި ޔަމަންގެ ޔާސިރް ޔަހުޔާ ސާލިހު މުތީއު އަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އަދި އެ ޖަމާއަތުގައި އިސްދައުރެއް އަދާކުރާ މީހެއް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގައި އަރަބި ޓީޗަރަކަށް އުޅުނު ޔާސިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ2017 ވަނަ އަހަރުގެ މާޗް ތިން ވަނަ ދުވަހު އެވެ. ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފު ވެގެން، ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުއްޓައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފެށުމުން ހާލު ދެރަވެގެން މިދިޔަ މިިދިޔަ މަހުގެ 21 ން ފެށިގެން އޭނާ އަށް އައީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.

މީގެ ކުރިންވެސް ބަންދުގައި ހުރި އިރު އޭނާ ވަނީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކޮށްފައި އެވެ. އޭނާ މަރުވީ އިއްޔެ ހަވީރު 4:25 ހާއިރު އެވެ.

އޭނާ މަރުވާ ގުޅިގެން އިމިގްރޭޝަން ކަރެކްޝަންސް އަދި ފުލުހުން ގުޅިގެން ވަނީ ޔާސިރުގެ މައްސަލައިގެ ތަފްސީލީ މައުލޫމާތު ފުރަތަމަ ފަހަރަށް އާންމުކޮށްފައި އެވެ. މީގެ ކުރިން ދެ ސަރުކާރުގައިވެސް ނޫސްވެރިން އެތައް ފަހަރަކު ސުވާލު ކުރުމުން އޭނާ އަކީ ޓެރަރިޒަމާއި ގުޅުން ހުރި މީހެއް ކަމަށް ބުނުމުގެ އިތުރުން އެއްޗެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޔާސިރަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭތީ ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލްކުރުމުގެ ކުރިން ރާއްޖެއިން ފުރައިގެން ދިޔުމަށް އެއް މަސްދުވަހުގެ މުއްދަތެއް 2017 ފެބްރުއަރީ އެކެއްގައި އޭނާއަށް ދެވުނު ކަމަށެވެ. އެކަމަކު އެ އެންގުމަށް އޭނާ އަމަލު ކޮށްފައި ނުވާކަމަށް ބުނެފައިވެ އެވެ.

އޭގެ ފަހުން ތިން ފުރުސަތު ރާއްޖެއިން ފުރައިގެން ދިއުމަށް ދިން ކަމަށާއި އެ މުއްދަތުގެ ތެރޭގައިވެސް އޭނާ ރާއްޖެ ދޫކޮށްދާން އިންކާރު ކުރީ ކަމަށް ބުނެފައިވެ އެވެ. އަދި ބުނީ ދިން ފުރުސަތުތަކުގައި ފުރައިގެން ދިއުމަށް އިންކާރު ކުރުމުން ރާއްޖޭގައި ދިރިއުޅުމަށް ދީފައިވާ ހުއްދަ ބާތިލު ކުރީ އެ އަހަރުގެ މާޗް މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ.

އޭގެ ފަހުން އޭނާ ފުރުވާލެވެންދެން ބަހައްޓާފައި ހުރީ އިމިގްރޭޝަނުންގެ ދަށުން ހިންގާ ޑިޓެންޝަން ސެންޓަރުގައި އެވެ.

ތިން އިދާރާއިން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔާސިރު ރާއްޖެ އެތެރެވީ 2014 ވަނަ އަހަރު ޓޫރިސްޓު ވިސާގައި ކަމަށެވެ. އަދި އެއަހަރު ދިވެއްސަކާއި ކައިވެނިކޮށްފައިވާ ކަމަށާއި ޓެރަރިޒަމާއި ގުޅުން ހުރި މީހަކަށްވާތީ އޭރުން ފެށިގެން ފުލުހުން ދިޔައީ ޔާސިރަށް ފާރަލަމުން ކަމަށެވެ.

އޭނާ އަކީ އަލްގައިދާއަށް ނިސްބަތްވާ، އެ ޖަމާއަތުގެ ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް