މާލޭ ސިޓީގައި ކަށު ނަމާދު ކުރާއިރު ގައިދުރުކޮށް ތިބޭގޮތަށް ހަމަޖައްސައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން މާލޭ އަދި ހުޅުމާލޭގައި ކަށު ނަމާދު ކުރާއިރު ތިބެންދާނީ ދެމީހުންގެ ދެމެދުގައި ހުސްޖާގަ އޮންނަހެން ކަމަށެވެ. މީގެ އިތުރުން ކަށު ނަމާދު ކުރާއިރު އަމަލު ކުރަންވީ ގޮތުގެ ތަފްސީލް ހާމަކޮށްފައިވެ އެވެ.
އެ ކައުންސިލުން ބުނީ ކޯވިޑް ޖެހިގެން މަރުވާ އެންމެން ވަޅުލާނީ ހުޅުމާލޭ ސަހަރާގައި ކަމަށެވެ. އެ މީހުންގެ ކަށުކަމާކެމީގެ ކަންކަމާއި ކަށު ނަމާދު ކުރާނީ ހުޅުމާލޭ ހިނަވާގޭގައި ކަމަށެވެ.
އެ ނޫން ގޮތްގޮތަށް މާލެ ސަރަހައްދުގައި މަރުވާ އެންމެންގެ ވެސް ކަށު ނަމާދުކުރުމަށް ހަމަޖައްސާފައި ވަނީ އާސަހަރާ މިސްކިތުގަ އެވެ. ސިޓީ ކައުންސިލުން ބުނީ އެއްވެސް ނަމާދު ގަޑިއެއްގައި ޖަމާއަތުގައި ކަށު ނަމާދު ނުކުރެވޭނެ ކަމަށާއި، ކަށު ނަމާދު ކުރެވޭނީ ފަރުޟު ނަމާދަށް ބަންގޮ ގޮވާތާ ބައި ގަޑިއިރު ފަހުން ކަމަށެވެ.
ކައުންސިލުން ބުނީ މައްޔިތާ އާސަހަރާއަށް ގެންދިއުމަށްފަހު ހިނަވާގޭގައި ބޭއްވޭނީ ގިނަވެގެން ތިން ގަޑި އިރުވަންދެން ކަމަށެވެ. އަދި މޫނު ބަލައި ކަށުކަމާކެމީގައި ބައިވެރިވާން ދާ މީހުން ވެސް އެ ސަރަހައްދުގައި އުޅޭ އިރު ގައިދުރުކޮށް، އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އުޅުމަށް ވަނީ އަންގައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް