ޑާކްރެއިން އެންޓައިންމެންޓުން މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލް އާއި އެކު ވެފައިވާ އެއްބަސްވުންތައް އުވާލައި އެ މަސައްކަތްތަކުން އޭނާ ވަކިކޮށްފި އެވެ.
ޖުމައްޔިލް އާއި ދެކޮޅަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އެ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި އެވެ. އެކަމަކު ޕީޖީ އޮފީހުން ވަނީ ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުން އެ މައްސަލައިގަ ދައުވާ ނުކުރަން ނިންމާފައި އެވެ.
އޭނާ ޑާކްރެއިންގެ ޕްރޮޖެކްޓުތަކުން ވަކިކުރަން އެ ކުންފުނިން ނިންމީ ޖިންސީ ގޯނާގެ މި ތުހުމަތުތަކާއި ގުޅިގެންނެވެ.
ޑަކްރެއިންގެ ޓުވިޓާ އެކައުންޓުގައި ބުނެފައިވާގޮތުގައި ޖުމައްޔިލް އާއި ގުޅޭ ޖިންސީ ގޯނާގެ މައްސަލަ އެނގުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ. އޭރު ޖުމައްޔިލް އާއި އެކު ޑާކްރެއިން މަސައްކަތް ފަށާފައިވާ ފިލްމުގެ މަސައްކަތްތައް ނިމި މި ޖުލައި މަހު ރިލީޒް ކުރާ ގޮތަށް ކުރިން ހަމަޖެހިފައިވާ ކަމަށެވެ.
އެ ފިލްމު ރިލީޒް ކުރުން ކޯވިޑް-19 އާއި ގުޅިގެން ވަނީ ފަސްކޮށްފައި އެވެ.
އެ ކުންފުނިން ބުނީ އެ ފިލްމުގައި ޖުމައްޔިލްގެ ބައި ހިމެނުނު ނަމަވެސް މިފަދަ ތުހުމަތުތަކެއް ކުރެވުމާއި އެކު ދެން އެ ކުންފުނިން ޖުމައްޔިލް އާއި އެކު ކުރަން ހަމަޖެހިފައިވާ ހުރިހާ މަސައްކަތަކުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.
ޑަކްރެއިނުން ބުނީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ އެއްވެސް ކަމަށް ހިތްވަރުދޭ ވިސްނުމެއް އެ ކުންފުނިން ނުގެންޅޭ ކަމަށެވެ. އަދި މިފަދަ ހާދިސާތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެކު އެ ކުންފުނި އަބަދުވެސް އޮންނާނެ ކަމަށް ބުނެފައިވެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް