މެންޗެސްޓާ ސިޓީގެ ޒުވާން އުންމީދީ ފޯވާޑް ލެރޯއީ ސާނޭ 49 މިލިޔަން ޔޫރޯގެ ޓްރާންސްފާ އެއްގައި ބަޔާން މިޔުނިކަށް ބަދަލުވެއްޖެއެވެ.
ސިޓީއާއެކު 4 ސީޒަން ހޭދަކުރި އުމުރުން 24 އަހަރުގެ ސާނޭ ވަނީ ބުންޑަސްލީގާގެ ބަޔާން މިޔުނިކާއެކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. އަންނަ ސީޒަނަށް ސާނޭ ބަޔާނަށް ބަދަލުވިއިރު، މީގެ ކުރިން ފާއިތުވި ސީޒަނަށް ވެސް ބަޔާންއިން ވަނީ ސާނޭ ގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެހެނަސް، އެކަން ނުވީ ލިވަޕޫލްއާ ދެކޮޅަށް ކުޅުނު ކޮމިޔުނިޓީ ޝީލްޑް މެޗުގައި ސާނޭގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުމުގެ ސަބަބުންނެވެ.
އަނިޔާއިން ސަލާމަތްވެ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އަހިސްފައިވާ ސާނޭގެ އުންމީދަކަށް ވާނީ އަމިއްލަ ގައުމުގެ އެންމެ ވަރުގަދަ ކްލަބަށް ގޮސް ކުރީގެ މޮޅު ކުޅުން ދެއްކުމެވެ.
<
♦️ Win a signed @LeroySane19 shirt! ♦️
— FC Bayern English (@FCBayernEN) July 3, 2020
ℹ️???? https://t.co/hp1EVce3aV#ServusLeroy #FCBayern #MiaSanMia
>
ބަޔާންގެ ޓްރާންސްފާއަށްފަހު އެ ކްލަބްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިޔުއެއްގައި ސާނޭ ވަނީ ބަޔާންއަށް ތަޢުރީފުކޮށްފައެވެ. އަދި ބަޔާންއާއެކު އާ ޗެލެންޖަކަށް ތައްޔާރުކަމަށާއި، ބަޔާންގެ ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ފެށުމަށް ކެތްމަދުވެފައިވާކަމަށް ވެސް ސާނޭ ބުނެފައިވެއެވެ.
ލެރޯއީ ސާނޭ ވަނީ މެންޗެސްޓާ ސިޓީއަށް 135 މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ އެ ކްލަބަށް 39 ލަނޑު ޖަހައިދީ، 45 އެސިސްޓް ހަދާފައެވެ. ސިޓީއާއެކު 2018 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، ސާނޭ ވަނީ އެ ސީޒަންގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. އެހެނަސް، އަނިޔާއަށް ފަހު އެނބުރި އައުމުން ވެސް ގާޑިއޯލާ ސާނޭއަށް ސިޓީގެ ފުރަތަމަ 11 އިން ޖާގަ ނުދިނުމުން ސާނޭ ބަޔާނަށް ބަދަލުވާނެކަން ގާތްގަނޑަކަށް އޮތީ ކަށަވަރުވެފައެވެ.
އަންނަން ސީޒަންގައި ސާނޭ ބަޔާންއާ ގުޅުމުން އެ ޓީމުގެ ކުޅުމުގެ ވައްޓަފާޅިއަށް އިތުރު ފުރިހަމަކަމެއް ލިބޭނެކަމަށް ބެލެވެއެވެ. ސާޖް ގްނަބްރީ އާއި ކިންގްސްލީ ކޯމަންގެ އިތުރަށް އަރިމަތިން ކުޅޭނެ ދުވެލި ބާރު ހަލުވި ކުޅުންތެރިއަކު އިތުރުވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް