ބޮޑުފިނޮޅުގައި ރަހީނުކޮށްފައިތިބި 12 ދިވެހިން މިހާރު ސަލާމަތް ކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ އެ ދިވެހިން ސަލާމަތްކޮށްފައިވަނީ ބޮޑުފިނޮޅަށް ފުލުހުންގެ ހާއްސަ ޓީމަކުން އަރައި ކަމަށެވެ. އެކަމުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ސަލާމަތްކުރި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ހާއްސަ ޓީމަކުން އެ ރަށަށް އެރުމުގެ ކުރިންވެސް ފުލުހުންގެ ޓީމްތަކުން އެ ރަށަށް އެރުމަށް އެތައް ފަހަރަކު މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް އޭރަކު ނުވެއެވެ. ފަހުން އެކަން ކާމިޔާބުވީ މާލެއިން ހާއްސަ ޓީމެއް ފޮނުވައިގެންނެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު، ސުލްހަވެރިކަމާއެކު މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ފުލުހުންގެ ޓީމް އެތަނަށް ދިޔައީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީގެ ޓީމަކާއެކުގައި ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
އެ ރިސޯޓް ތަރައްގީ ކުރަމުންދިޔައީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނިންނެވެ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް ހަތަރު ވަރަކަށް މަހު މުސާރަ ނުދީ ވާނެ ކަމަށް މެމްބަރު ވަނީ ފަހުން ވިދާޅުވެފައެވެ.
ބޮޑުފިނޮޅުގައި 200އެއްހާ ބިދޭސީން ވެގެން 15 ދިވެއްސަކު ރަހީނުކުރިއެވެ. ތިން ދިވެއްސަކު ވަނީ އަމިއްލައަށް އެމީހުންގެ ސަލާމަތް ހޯދި އިރު ފުލުހުންގެ އޮޕަރޭޝަންގައި ސަލާމަތް ކުރީ 12 ދިވެހިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް