ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ.
އެޗްޕީއޭއިން މިއަދު އާންމު ކުރި މައުލޫމާތަށް ބަލާއިރު މިއަދު ބައްޔަށް ޕޮސިޓިވްވެފައިވަނީ އެންމެ ނުވަ މީހުންނެވެ. އަދި ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން 36 މީހަކު މިއަދު ވަނީ ރަނގަޅުވެފައި އެވެ.
މިއާއި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 644 އަށް އަރާފައި އެވެ. ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ފަރުވާ ހޯދަމުންދަނީ 1،197 މީހުންނެވެ.
ވައިރަހަށް ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ އަދަދަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ އިއްޔެ އެވެ. އިއްޔެ ބައްޔަށް ޕޮސިޓިވްވެފައިވަނީ 12 މީހުންނެވެ. އެކަމަކު ބަލިން އިއްޔެ އެކަނި 120 މީހަކު ރަނގަޅުވެފައިވެ އެވެ.
ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ މިދިޔަ ހަފްތާތެރޭގައި އެވެ.
އެޗްޕީއޭއިން ބުނީ ބަލި ޖެހޭ މީހުންގެ އަދަދު މި ފަހަކަށް އައިސް މަދުވެފައި ވީނަމަވެސް އަދި ބަލިން އެއްކޮށް ކޮންޓްރޯލްވީ ކަމަށް ބަލައި ހިންދެމިލެވެން ނެތް ކަމަށެވެ. ރާއްޖޭގައި ގިނައިން ބައްޔަށް ޕޮސިޓިވްވަމުން ދަނީ އެކި ކޭސްތަކާއި ގުޅުން ހުރި މީހުންނެވެ. އެއްވެސް ކޭސްއަކާއި ގުޅުން ނެތް މީހުންގެ ގޮތުގައި ޕޮސިޓިވްވެފައިވަނީ 69 މީހެކެވެ.
ރާއްޖެއިން މިހާތަނަށް ބައްޔަށް 1850 މީހަކު ޕޮސިޓިވްވެފައިވާއިރު ހަތް މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ތިން ބިދޭސީ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް