އަރަބި ކަނޑުގައި ކޮޅިގަނޑު އުފެދުނުތާ އެންމެ ދުވަހެއްގެ ތެރޭގައި ތުފާނަކަށް ބަދަލުވި، ތޫފާން "ނިސާގަ" އިން އިންޑިއާގެ ފިލްމު ސިޓީ މުމްބައި ސަލާމަތް ވެއްޖެއެވެ.
މި ތޫފާން މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާއަށް އަރާފައިވާއިރު އިންޑިއާގެ މެޓް އޮފީހުން ނިމުތުކޮށްފައި އޮތީ މި ތޫފާން ދާގޮތަށްގޮސް ސީދާ މުމްބައިއަށް އަރާނެ ކަމަށެވެ. އެހެންނަމަވެސް މުމްބައި ނިސްބަތްވާ މަހަރާޝްތުރައަށް ތޫފާން އެރުމަށްފަހު މިސްރާބަށް އައި ބަދަލަކާއެކު ތޫފާނުގެ މަގުން މުމްބައި މިހާރު ވަނީ ކައްސާލާފައެވެ. ތޫފާން މިހާރު ތަންކޮޅެއް އިރު ދެކުނަށް ޖެހި މަހަރަޝްތުރާގެ އަލީބާގާ ދިމާލަށް މިހާރު މިސްރާބު ވަނީ ހިފާފައެވެ.
ތޫފާން އިންޑިއާއަށް އެރިތާ ތިން ގަޑިއިރުގެ ތެރޭގައި މިސްރާބަށް ބަދަލު އައިސްފައިވާއިރު މި ތޫފާނުގެ އަސަރު މުމްބައި އަށް ކުރާނެ ކަމަށް އަންދާޒާ ކުރިވަރާ ގާތަށްވެސް އަސަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މިއަދު މުމްބައިގާ ވައި ގަދަވެ ބައެއް ގަސް ވެއްޓުންފަދަ ކަންކަން ހިނގާފައިވެއެވެ.
މި ތޫފާން، އިންޑިއާއަށް މިދިޔަ މަހު ފަހުކޮޅު އެރި ތޫފާން "އަމްޕަން" އާއި އަޅާ ބަލާއިރު އެހާ ބާރުގަދައެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.
ތޫފާން "ނިސާގަ" ނަމުން ނަން ދީފައިވާ މި ތޫފާން ވެގެންދަނީ ގިނަ ގޮތްގޮތަކުން ތާރީހީ ތޫފާނަކަށެވެ. މިއީ ފާއިތުވި 129 އަހަރުގެ ތެރޭގައި މަހަރާސްތުރައަށް އެރި ފުރަތަމަ ތުފާނެވެ. އަދި މި ތުފާނުގެ ނަން ހާއްސަ ވަނީ، މި ނަމަކީ މި ސަރަހައްދުގެ ތޫފާން ތަކަށް ނަން ދިނުމަށް 2004ގައި އެކުލަވާލި 64 ނަމުގެ ނަން ލިސްޓު ނިމި، 169 ނަމުގެ އާ ލިސްޓުން ނަންދެވުނު ފުރަތަމަ ތޫފާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް