ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެ މިނިސްޓްރީގެ އިސްވެރިން މިރޭ ހާޒިރުކުރަން ނިންމައިފިއެވެ.
މިރޭ 09:30ގައި އޮންލައިންކޮށް ކުރިއަށްގެންދާ ކޮމިޓީގެ މި ބައްދަލުވުމަށް މިނިސްޓަރު ނަހުލާ ހާޒިރުކުރަން ނިންމާފައިވާއިރު މަޖިލީހުގެ ކޮމިޓީތަކަށް މިނިސްޓަރު ނަހުލާ ހާޒިރު ނުކުރެވޭތީ މެމްބަރުންގެ ކަންބޮޑުވުން، މިފަހުން ބޭއްވި ޖަލްސާތަކުގައި ފާހަގަކޮށްފައިވެއެވެ.
މިރޭގެ ކޮމިޓީއަށް ނަހުލާ އާއި މިނިސްޓްރީގެ އިސް ވެރިން ހާޒިރުކުރަނީ ކޯވިޑް-19ގެ މި ހާލަތުގައި އެ މިނިސްޓްރީގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.
މިރޭގެ ކޮމިޓީއަށް ނަހުލާ ހާޒިރުކުރާއިރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ނުކުރެވިގެން އެ ކޮމިޓީގެ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވެއެވެ. އެ ކޮމިޓީ އޮންނާނީ އަންނަ ހޯމަ ދުވަހުގައެވެ.
އެ ކޮމިޓީގެ މެމްބަރުން ފާހަގަކުރައްވާފައިވާގޮތުގައި އެ މިނިސްޓްރީއާއިމެދު އާންމުންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެ ކަންބޮޑުވުންތަކާއި ގުޅިގެން ހާޒިރުކުރަން އެ ކޮމިޓީން މަސައްކަތްކުރާއިރު މިނިސްޓަރު ނަހުލާ އެކި ސަބަބުތައް ދައްކަވައި ހާޒިރު ނުވާކަން އެ ކޮމިޓީގެ މެމްބަރުން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް