ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމަކުން ގޯހެއް ނެތް: ޑރ. ބްރޫކް

ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފަށައިގަތުމަށް އެ ދާއިރާ އަލުން ހުޅުވާލުމުގައި ހޯގެއް ނެތް ކަމަށް ވައިރަސް އާއި ގުޅިގެން ޑޮކްޓަރުންނާއި ނަރުހުންނަށް ކްރިޓިކަލް ކެއާ...

03 Jun 2020 | 14:03

ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފަށައިގަތުމަށް އެ ދާއިރާ އަލުން ހުޅުވާލުމުގައި ހޯގެއް ނެތް ކަމަށް ވައިރަސް އާއި ގުޅިގެން ޑޮކްޓަރުންނާއި ނަރުހުންނަށް ކްރިޓިކަލް ކެއާގެ ތަމްރީނު ދެއްވުމުގައި އިސްކޮށް އުޅުއްވި ދެކުނު އެފްރިކާގެ ތަޖުރިބާކާރު ޑރ. ބްރޫސް ސްޓޯވާ މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ބްރޫކް ވިދާޅުވީ ރާއްޖޭގެ 600 އަށްވުރެ ގިނަ ޑޮކްޓަރުންނާ ނަރުހުން ކްރިޓިކަލް ކެއާއަށް ތަމްރީނު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި ކޯވިޑް-19 ބަލިމީހަކަށް ނުވަތަ ޝައްކު ކުރެވޭ މީހަކަށް ފަރުވާ ދޭންޖެހިއްޖެ ނަމަ އަމަލު ކުރަންވީ ގޮތް ނޭނގޭ ޑޮކްޓަރަކު އަދި ނަރުހަކު ނުހުންނާނެ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވި ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށް ވާއިރު، އަބަދު ރާއްޖެ ބަންދުކޮށްފައި ނުބޭއްވޭނެ ކަމަށާއި، ކޮންމެސް ގޮތަކުން ގައުމަށް އާންމުދަނީ ވަންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އޭނާ ދެކެވަޑައިގެންނަވާ ގޮތުގައި މިހާރު އަޅާފައިިވާ ފިޔަވަޅުތަކާ އެކު ރާއްޖެ ހުޅުވާލުން ގޯސް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އޮކްސިޖަން ސްޓޯރޭޖް ކެޕޭސިޓީ ވެސް ވަރަށް ބޮޑު ކަމަށާއި ރާއްޖޭގެ އައިސީޔޫތަކުގެ ފެންވަރު ވަރަށް ރަނގަޅު ކަމަށެވެ. ރާއްޖޭގައި ހޭދަވި އަށް ހަފްތާގައި ބައްދަލުވި ފަދަ ފެންވަރު ރަނގަޅު ނަރުހުންނާ އަދި ހަޔާތުގައި ވެސް ބައްދަލުވެފައި ނުވާކަމަށް ވިދާޅުވެ، ރާއްޖޭގެ ނަރުހުންނަށް ވަރަށް ބޮޑަށް ތައުރީފުކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ ރައްޔިތުންގެ މެދުގައި ކޯވިޑް-19 އަށް ހޭލުންތެރިކަން ބޮޑު ކަމަށެވެ. އެކަމަކު ޓޫރިޒަމް ދާއިރާ ފަދަ މުޅި ދުނިޔެއަށް ގައުމު ހުޅުވާލެވޭ ކަމެއް ފަށައިގެންނަ އިރު އަދިވެސް މީހުން އިތުރަށް ހޭލުންތެރިކުރުވައި، އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުވުމުގެ މުހިންމުކަން ޑރ. ބްރޫސް ފާހަގަކުރެއްވި އެވެ.

ސަރުކާރުން ލަފާ ކުރާގޮތުގައި މިހާރު މިއޮތް ހާލަތުގައި ރާއްޖޭގައި ކޯވިޑް އޮވެއްޖެ ނަމަ އަންނަ މަހުގެ ތެރޭގައި ރާއްޖެ ޓޫރިސްޓުންނަށް ހުޅުވާލެވޭނެ އެވެ.

މިހާތަނަށް ރާއްޖެއިން 1،841 މީހަކު ޕޮސިޓިވްވެފައިވާއިރު އެއް ދުވަހުން އަނެއް ދުވަހަށް ޕޮސިޓިވްވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް