ރާއްޖޭގައި ކޯވިޑް ޖެހުނު ކުޑަކުދިންގެ އަދަދު 100 އިން މައްޗަށް

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮސިޓިވްވި ކުޑަކުދިންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެއިން102 ކުދިން ޕޮސިޓިވްވެއްޖެ އެވެ. އ...

03 Jun 2020 | 12:12

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮސިޓިވްވި ކުޑަކުދިންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެއިން102 ކުދިން ޕޮސިޓިވްވެއްޖެ އެވެ. އޭގެ ތެރޭގައި ހިމެނެނީ55 ފިރިހެން ކުދިންނާއި47 އަންހެން ކުދިންނެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ ރާއްޖެއިން އާންމުކޮށް ބައްޔަށް ޕޮސިޓިވްވާ ކުޑަކުދިންގެ ތެރެއިން ހުރިހާ ކުދިންގެ ހާލު އާންމުގޮތެއްގައި ރަނގަޅުކަމަށެވެ. ކުދިންގެ ގައިން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ރޯގާ އާއި ހުން އައުމާއި ހޮޑުލެވުން ފަދަ ކަންކަމެވެ. އަދި ބައެއް ކުދިން ބޭރަށް ހިންގުން ފަދަ ކަންކަން ބައެއް ކުދިންނަށް ދިމާވެފައިވެ އެވެ.

ޑރ. ފައިސަލް ވިދާޅުވީ މިހާތަނަށް ހޮސްޕިޓަލުގައި ބޭއްވީ ދެ ކުދިން ކަމަށެވެ. އަދި އެ ދެ ކުދިންނަކީ ވެސް، އަށް މަސް ނުފުރޭ ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ދެ ކުދިންގެ ގަޔަކު ވެސް ރޯގާގެ އަލާމާތެއް ނެތެވެ. އެކަމަކު ހުން ހުރި ކަމަށާއި އެއް ކުއްޖަކު ހޮޑުލައި ބޭރަށް ހިންގި ކަމަށް ވިދާޅުވި އެވެ. އާއިލާއާ އެކު ޕޮޒިޓިވްވި އެ ދެކުދިންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި ކޯވިޑަށް ޕޮސިޓިވްވާ ކުޑަކުދިންގެ އަދަދު އެހެން ގައުމުތަކުގައި ޕޮސިޓިވްވާ އަދަދަށްވުރެ އިތުރެވެ. ރާއްޖެއިން ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ ތެރޭގައި ކުޑަކުދިން ނުހިމެނޭ ދުވަހެއް ވަރަށް މަދެވެ.

ރާއްޖެއިން ގިނައިން ޕޮސިޓިވްވަނީ10 އަހަރުން ދަށުގެ ކުދިންނެވެ. އެއީ އާއިލާގެ އެހެން މީހުންގެ ފަރާތުން ބަލި އަރައިގެންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް1841 މީހަކު ޕޮސިޓިވްވެފައިވާއިރު އޭގެ ތެރެއިން608 މީހަކު ވަނީ ބަލިން ރަނގަޅުވެފައިވެ އެވެ. ރަނގަޅުވި މީހުންގެ ތެރޭގައިވެސް ކުޑަކުދިން ހިމެނެ އެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް