ސިވިލް ކޯޓުގެ ޝަރީއަތްތައްވެސް އޮންލައިންކޮށް ކުރިޔަށް ގެންދަން ފަށަނީ

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ އިދާރާތަކުން އޮންލައިންކޮށް މަސައްކަތްތައް ކުރިޔަށް ގެންދަން ފަށާފައިވާއިރު ސިވިލް ކޯޓުންވެސް އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ...

03 Jun 2020 | 10:57

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ އިދާރާތަކުން އޮންލައިންކޮށް މަސައްކަތްތައް ކުރިޔަށް ގެންދަން ފަށާފައިވާއިރު ސިވިލް ކޯޓުންވެސް އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

އެ ކޯޓުން ވަނީ މިކަމަށް ހާއްސަ އުސޫލެއް އެކުލަވާލާ އާންމުކޮށްފައި އެވެ.

އެ އުސޫލުގައި ވާގޮޮތުން ޝަރީއަތްތައް ކުރިޔަށް ގެންދާނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ. ޝަރީއަތްތައް ކުރިިޔަށް ގެންދާނީ ވައިބާ، މައިކްރޮސޮފްޓް އޮފީސް ޓީމްސް އަދި ސްކައިޕް މެދުވެރިކޮށެވެ.

އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދާއިރު ކޯޓަށް ހާޒިރުވާ ގަޑި ކަމަށް ބަލާނީ އޮންލައިން ޕްލެޓް ފޯމަށް ލޮގިންވާ ގަޑި އެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިއަށް ދާއިރު، މީޑިއާތަކަށް ޝަރީއަތުގައި ބައިވެރިިވުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އެއީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައެވެ. އެފަދަ އަޑުއެހުމަކަށް މީޑިއާއަކަށް ފުރުސަތު ދިން ނަމަވެސް އެ އަޑުއެހުމެއް ރިކޯޑު ކުރުމާއި ބްރޯޑްކާސްޓު ކުރެވޭނީ ހުއްދަ ލިބިގެންނެވެ.

މީގެއިތުރުން ބަޔާންތައް ބަދަލުކޮށްގެން ވެސް ޝަރީއަތްތައް ކުރިޔަށް ގެންދެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ބަޔާން ބަދަލުކުރާ އުސޫލު ޝަރީއަތްތައް ހިންގާނީ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ބަޔާންތައް ދެ ފަރާތުން ބަދަލު ކުރުމުގެ މަރުހަލާ ނިމުމުން އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ހުކުމް ކުރާ ގޮތަށެވެ. އެ މަރުހަލާގައި އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދެވިދާނެ ކަމަށް އުސޫލުގައިވެއެވެ. އަޑުއެހުމަށްފަހު ހުކުމް ދެ ފަރާތަށް ވެސް އީމެއިލް މެދުވެރިކޮށް ލިބެން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ސިވިލް ކޯޓުގެ އިތުރުން ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓުން ދަނީ އޮންލައިންކޮށް ޝަރީއަތްތައް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް