ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 1،500 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.
ފޮނުވާލި ހުރިހާ އެންމެންނަކީ ބަންގްލަދޭޝް މީހުންނެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިހާތަނަށް ބަންގްލަދޭޝްގެ 1،593 މީހަކު އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
މިދިޔަ ދެ ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ހަފްތާއަކު ގާތްގަނޑަކަށް 300 އެއްހާ ބިދޭސީން ދިޔައީ ފުރުވާލަމުންނެވެ. އިއްޔެ އެކަނިވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 200 ބަންގްލަދޭޝް މީހަކު ވަނީ ފުރުވާލާފައި އެވެ.
ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ތިން މަސް ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ 5،000 މީހުން އަނބުރާ ގައުމަށް ފޮނުވާލުމެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މީހުންގެ 90 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.
ކޯވިޑާއި ގުޅިގެން ބަންގްލަދޭޝް ސަރުކާރާއި ގުޅިގެން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވިއަންގެ ފްލައިޓުތަކާއި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓުތަކާއި އެގައުމުގެ ގައުމުގެ ގައުމީ އެއާލައިން ބިމާން އެއާވޭސް ފްލައިޓުތަކުގައި އެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާއިރު އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ އެ ގައުމުގެ މީހުންނެވެ. އެގޮތުން1،003 މީހުން މިހާތަނަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ރަނގަޅުވެފައިވެ އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން ހަތް މީހަކު މަރުވެފައިވާއިރު އޭގެން ތިން މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް