މާލެ ފިޔަވާ އެންގެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ށ. ނަރުދޫގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އެކަން ދެނެގަތުމަށް ސަރުކާރުގެ އިސްވެރިން ހިމެނޭ ޓީމެއް އެ ރަށަށް ވަޑައިގެންފި އެވެ.
އެ ޓީމްގައި ހިމެނިވަޑައިގެންނަވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގެ ވެރިޔާ ޑރ. އަލީ ލަތީފް އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. މި ދަތުގައި މި ބޭފުޅުން ވަނީ އެ ރަށުގެ ޓާސްކް ފޯސް އާއި ހެލްތް ސެންޓަރާއި ކައުންސިލްގެ އިސްވެރިންނާއި ބައްދަލު ކުރައްވާފަ އެވެ.
ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ޓީމުން އެ ރަށުގެ ސިއްހީ ހާލަތާއި، ފަރުވާ ދިނުމުގައި ވަގުތުން ވަގުތަށް ބޭނުންވަނީ ކޮން ތަކެއްޗެއްތޯ ބަލާނެ ކަމަށެވެ. އަދި އެ ތަކެތި މާދަމާއިން ފެށިގެން އެ ރަށަށް ފޮނުވަން ފަށާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ޓެގް ޓީމްގެ ވެރިޔާ ޑރ. އަލީ ލަތީފް މި ދަތުރުގައި ބައިވެރިވެ ވަޑައިގެން ބަލީގެ ހާލަތު އިތުރަށް ގޯސް ވެއްޖެ ނަމަ ސިއްހީ ފަރުވާގެ ކަންކަން ހުންނަން ޖެހޭނެ މިންގަނޑާއި ބޭނުންވާނެ ތަކެތި ސަރުކާރަށް އަންގަައިދެއްވާނެ ކަމަށާއި އޭގެ އިތުރުން އެ ރަށު ހެލްތް ސެންޓަރަށް މި ދަނޑިވަޅުގައި ބޭނުންވާ ތަކެތީގެ މައުލޫމާތުވެސް އެ ސެންޓަރުގެ އިސްވެރިން މެދުވެރިކޮށް ހޯދާނެ ކަމަށް ވިދާޅުވި އެވެ.
އަދި ޒަރޫރީ ބޭނުންތަކަށް އެ ރަށުގައި މަދުވާ ތަކެއްޗާއި އެއްޗެހި ފޯރުކޮށްދިނުމުގައި ހުރި ދަތިތަކުގެ މައުލޫމާތު ސަރުކާރުގެ ވެރިން ހޯއްދަވާނެ އެވެ.
ނަރުދޫއިން ކޯވިޑަށް ފުރަތަމަ ޕޮސިޓިވްވީ އެ ރަށުގައި ދުއްވާ އަމާޒު ބޯޓުގެ ކެޕްޓަން އެވެ. އޭގެ ފަހުން އޭނާގެ އާއިލާގެ ބަޔަކާއި ބޯޓުގެ ކްރޫއިންނާއި އެމީހުންގެ އާއިލާ ބަޔަކު ޕޮސިޓިވްވެ ޖުމްލަ އެ ރަށުން11 މީހަކު ވަނީ ބައްޔަށް ޕޮސިޓިވްވެފައި އެވެ.
ޕޮސިޓިވްވި މީހުން މިހާރު ހއ. ދޮނަކުޅި ރިސޯޓުގެ ކަރަންޓީން ފެސިލިޓީއަށް ވަނީ ގެންގޮސްފަ އެވެ. އެކަމަކު މުޅި ރަށް އޮތީ މިކަމުގެ ބިރުވެރި ކަމާއި ހާސްކަމުގެ ތެރޭގައި އެވެ.
އެޗްޕީއޭއިން ލަފާ ކުރާގޮތުގައި އަދިވެސް އެ ރަށުން މި ބައްޔަށް މީހުން ޕޮސިޓިވް ވުމުގެ ފުރުސަތު އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް