މާލެ ފިޔަވާ އެންމެން ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ށ. ނަރުދޫގެ ހާލަތާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަރުދޫގެ ސިއްހީ ހާލަތު ރަނގަޅު ކުރެވިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ރަށުގައި މި ފަދަ ހާލަތަކަށް އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތް ދޭނެ ޓީމެއް ނެތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
ބަޔާނުގައި ފާހަގަ ކޮށްފައިވާގޮތުގައި ރަށުން ބޭސް ނުލިބުމާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެންމެ އާދައިގެ ތަކެތި ރަށުން ލިބެން އެ ރަށަކު ނެތެވެ. އަދި ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ މާސްކް، ސެނިޓައިޒާ، އަންގި ފަދަ ތަކެތިވެސް ރަށުން ލިބެން ނެތުމަކީ ނަރުދޫ ރައްޔިތުން އިތުރު ހާސްކަމެއްގެ ތެރެއަށް ދާންޖެހިފައި އޮތް މައްސަލައެއް ކަމަށް ޕީޕީއެމް/ ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނީ ކޯވިޑް-19 އަށް ޕޮޒިޓިވްވި ގިނަ ބަޔަކު އެ ރަށުގައި ތިބިއިރު، އެ މީހުން ކަރަންޓީން ކުރެވޭނެ އެއްވެސް އިންތިޒާމެއް މިހާތަނަށް ހަމަޖައްސާފައި ނުވާ ކަމަށެވެ.
ނަރުދޫ ފަދަ ބަލި ފެތުރިފައިވާ ރަށްރަށާއި ބަލި ފެތުރުމުގެ ފުރުސަތު އޮތް ރަށްތަކަށް ދޭ ސަމާލުކަން އިތުރު ކުރުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލާފައިވެ އެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޯރުކޮށްދިނުމަށާއި ސަރުކާރުން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ވެސް ގޮވައިލި އެވެ.
ނަރުދޫން އެންމެ ފުރަތަމަ ޕޮސިޓިވްވެފައިވަނީ އެ ރަށުގައި ދުއްވާ އަމާޒު ބޯޓުގެ ކެޕްޓަން އެވެ. އޭގެ ފަހުން އޭނާގެ ފަރާތުން އެ އާއިލާ އާއި ބޯޓުގެ ކްރޫއިންނަށް ބަލި ޖެހިފައިވެ އެވެ. އެގޮތުން މިހާތަނަށް ޖުމްލަ11 މީހަކު ނަރުދޫން ވަނީ ކޯވިޑަށް ޕޮސިޓިވް ވެފައި އެވެ.
މިހާތަނަށް މާލެ ފިޔަވާ ކޯވިޑް ޖެހިފައިވާ މީހުން ފެނިފައިވަނީ ހއ. އުލިގަމް، ތަކަންދޫ، ށ. ނަރުދޫ، މިލަންދޫ އަދި ކ. ތުލުސްދޫ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް