ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ފަސް މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ހުންނަ އައިސީޔޫގައި ފަރުވާދެމުން އަންނައިރު، އެ ހަމީހުންގެ ތެރޭގައި ހިމެނޭ ދިވެއްސަކު ވެންޓިލޭޓަރަށް ލައިފިއެވެ.
ރަސްމީ އެއްވެސް ފަރާތަކުން މިކަން އަދި ހާމަނުކުރި ނަމަވެސް މިހާރު ނޫހުގައި ބުނެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށާފައިވަނީ އުމުރުން 88 އަހަރުގެ ދިވެއްސަކަށް ކަން އެ ނޫހަށް އެނގިފައިވާކަމަށެވެ.
އެމީހާއަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ޑީއެޗް11ގައި ފަރުވާ ދެމުން އަންނަ މީހެއް ކަމަށްވެސް މިހާރު ނޫހުގައި ބުނެފައިވެއެވެ.
ރާއްޖޭގައި 519 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ ފަސް މީހަކަށެވެ. 18 މީހަކު މިބަލިން މިހާރު ވަނީ ފަސޭހަ ވެފައެވެ.
މި ބަލީގައި މިހާތަނަށް ރާއްޖޭގައި އެކަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. ކޯވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވާ އެއް ކެޓަގަރީއަކި އުމުރުން ދުވަސްވީ މީހުން ކަމުގައިވާއިރު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ނިސްބަތަށް ބަލާއިރު އުމުރުން ދުވަސް ވީ މީހުންގެ އަދަދު ނިސްބަތުން މަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް