ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބުނެފި އެވެ.
މިއަދަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ނެރުއްވާފައިވާ ހިތޯބެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށާއި އެއީ އެ ކައުންސިލުން އުފާ ކުރާ ކަމެއް ކަމަށެވެ.
ހިދާޔަތުﷲ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުން ދޭހަކޮށްދެނީ ނޫސްވެރިން މަސައްކަތް ކުރަނީ ލިބިދީފައިވާ މިނިވަންކަމުގެ އިމުގެ ތެރޭގައި ބިރެއް ފަސްޖެހުމެއް ނެތި ހަމަހަމަކަމާއި އިންސާފުން ކަމަށެވެ. މިއަހަރަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއް ނެތި ނޫސްވެރިކަން" އެވެ.
ހިދާޔަތުﷲ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މަސައްކަތްކުރަމުންދާއިރު، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ނޫސްވެރިން ވެސް ފަރުދީ ޒިންމާ އަދާކުރަން އިސްކަންދިނުމާ އެކު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުން މުހިއްމުކަމަށް ވިދާޅުވި އެވެ. މި ބިރުވެރި ހާލަތުގައި ވެސް ނޫސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވައި އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް މި އަހަރު ހޯދައިފަ އެވެ. މިދިޔަ އަހަރު 98 ވަނައިގައި އޮތުމަށް ފަހު މި އަހަރުގެ އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 79 ވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް