ސައުދީ އަރަބިއްޔާއިންނާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރުތައް ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީތަކުގައި ތިބި މީހުންނަށް ބަހަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ކަދުރު ބެހުމުގެ ކަންކަން އެހެން އަހަރުތަކާއި އެއްގޮތަށް ކުރިޔަށް ނުގެންދެވިގެން އެ މިނިސްޓްރީން ނިންމާފައިވަނީ މާލޭގައި ރަޖިސްޓްރީކޮށްފައިވާ ފަގީރުންގެ ދިރިއުޅޭ ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއް ބެހުމަށް ފަހު ބާކީ ކަދުރު އެންމެން ފުރަތަމަ ބަލާ އަންނަ މީހުންނަށް ބެހުމަށެވެ. ފަގީރުންގެ ގޭގެއަށް ކަދުރު ގެންގޮސްދީފައިވަނީ ޔޫތް މިނިސްޓްރީގެ ވޮލެންޓިއަރުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަތޮޅު ތެރޭގެ ރަށްތަކަށް ގެންދާ ކަދުރާއި ހަވާލުވުމަށް ކައުންސިލްތަކުން މާލޭގައި ހުރި މީހަކު ހަމަޖެއްސުމަށް އަންގާފައިވާނެ ކަމަށެވެ. މިދަނޑިވަޅަކީ ރައްޔިތުންނަށް ކާބޯތަކެތީގެ ގޮތުން ދަތި ދުވަސްވަރެއް ކަމަށްވާތީ ކައުންސިލްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއްދީ އަވަހަށް ތަކެއްޗާއި ހަވާލުވުމަށް އެދޭ ކަމަށެވެ.
އެ މިނިސްޓްރީން މިހާރު ނިންމާފައިވަނީ މިމަހުގެ11 ވަނަ ދުވަހުގެ ނިޔަލަށް މާލެއިންނާއި އަތޮޅުތަކުން ކަދުރު ނުގެންގޮސްފިނަމަ ބާކީ ހުންނަ ހުރިހާ ކަދުރެއް ކަރަންޓީން ފެސިލިޓީތަކާއި ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ދާ ބިދޭސީންނަށް ދޭން ނިންމާފައިވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއީ މިފަދަ ހާލަތެއްގައި ކުރަން ރަނގަޅު ކަމެއް ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން 1،500 އަށްވުރެ ގިނަ ދިވެހިންނާއި ބިދޭސީން އެކި ފެސިލިޓީތަކުގައި ބަލަހައްޓަމުން އެބަދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް