ހާއްސަ ވިސާ ހުއްދައެއް ދަށުން ބޭރުގެ ވަކި ފަރާތްތަކަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި ފަރާތްތަކަށް ހުއްދަ ދިނުމަށް ނިންމީ ކޯވިޑްގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އާއި މަޝްވަރާ ކުރުމަށް ފަހު އެ ގްރޫޕުގެ ލަފާގެ މަތިން ކަމަށެވެ. މި ހާއްސަ ވިސާ ހުއްދައިގެ ދަށުން ރާއްޖެ އެެތެރެވުމުގެ ހުއްދަ ދޭން ނިންމާފައިވަނީ ރިސޯޓު އޯނަރުން، އިންވެސްޓަރުން، ޑަބްލިއުއެޗްއޯ އަދި ވޯލްޑް ބޭންކް ފަދަ ތަންތަނުގެ ބޭފުޅުންނާއި ޑިޕްލޮމެޓިކް ސާވިސްގައި އަންނަ މީހުންނަށެވެ.
މި ފަރާތްތަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ދޭން ނިންމާފައިވަނީ އުސޫލުތަކެއް ހެދުމަށް ފަހު އެ އުސޫލުތަކަށް އަމަލު ކުރަން ޖެހޭގޮތަށެވެ. އެގޮތުން އެ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން14 ދުވަހުގެ ކަރަންޓިން މުއްދަތެއް ފުރިހަމަ ކުރަން ޖެހެ އެވެ.
އަދި ރާއްޖެ އަންނަތާ24 ގަޑިއިރު ތެރޭގައި ކޯވިޑަށް ޓެސްޓު ކުރުމަށް ފަހު ކަރަންޓީން މުއްދަތު ނިމުމުން ދެވަނަ ޓެސްޓު ހަދަން ޖެހެ އެވެ. އަދި އެ ފަރާތްތަކަށް އެއް ރަށުން އަނެއް ރަށަށް ދިއުމުގެ ހުއްދައެއް ނޯންނާނެ އެވެ. މި އުސޫލުގެ ދަށުން ރާއްޖެ އަންނަ ރިސޯޓު އޯނަރުން ބޭނުންނަމަ އެބައެއްގެ ރިސޯޓުގައި ކަރަންޓީން މުއްދަތު ފުރިހަމަ ކުރެވެ އެވެ.
މިގޮތަށް އަންނަ ފަރާތްތަކަށް ހިދުމަތް ދޭން ޖެހޭނީ ވީހާ ވެސް މަދު، އަދި އެއް މުވައްޒަފުންތަކެކެވެ. އަދި ހިދުމަތްދޭ މުވައްޒަފުންނަށް އެ ރަށަކުން ފޭބޭނީ މިހާރު ވެސް އޮންނަ އުސޫލުގެ ދަށުން 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ކަމަށް މަބްރޫކު ވިދާޅުވި އެވެ.
ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު ރާއްޖޭގައި މުއްސަނދި ރިސޯޓުތައް ހިންގާ ރާއްޖެއިން ބޭރުގެ ރިސޯޓު އޯނަރުން ރާއްޖެ އަންނަން ބޭނުންވާކަމަށް އެ ފަރާތްތަކުން މީޑިއާގައި ބުނެފައިވެ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ބައެއް ރިސޯޓު އޯނަރުން ވަނީ ކޯވިޑާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމަށް މެޑިކަލް ސާމާނު ހަދިޔާ ކުރަން ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް